ޑެންގީ ހުން ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި
ޑެންގީ ހުން ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރު ވާތީ، ޑެންގޫއާ މެދު ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއް ކަމަށެވެ. އެކަމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ވަނީ އެދިފަ އެވެ.

- ގެ އާއި ގޯތި ތެރޭގައި ހުންނަ، ފެން ހަރުލާ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތާލުން ނުވަތަ ހުސްކުރުން

- މަގުމައްޗާއި ގޯތިތެރެ އާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުން، ޑަސްބިން ފަދަ ތަކެތި މަތި ބަންދުކޮށްފައި ބެހެއްޓުން

- މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައި ކުރުމާއި މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުން

- ގެއަށް މަދިރި ވަނަ ނުދިނުމަށް، އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުން

އެ ހުން އިތުރުވާ ދުވަސްވަރާ ދިމާކޮށް، މަދިރި އާލާވާ މިންވަރު މަދުރުކުރުމަށާއި އެ ބައްޔަށް މީހުން ހޭލުންތެރިކުރުވަން އިތުރު ހަަރަކާތްތަކެއް ހިންގާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ. އޭގެ އިތުރުން ޑެންގީ އިތުރުވަމުންދާ މިންވަރު މޮނީޓާކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކެމްޕޭންތައް ވެސް ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނަގާފައި ހުރުން ހިމެނެ އެވެ.