30 އެޕްރީލް 2018 - 12:50

ރިޔާޒް (އެޕްރީލް 30) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި އެވެ.
އަރާމްކޯގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ބޯޑަށް އައްޔަންކުރި އަންހެނަކީ އެމެރިކާގެ ތެޔޮ ކުންފުނި ސުނޮކޯގެ ކުރީގެ ސީއީއޯ ލީން ލަވާޓީ އެލްސެންހަންސް، 60، އެވެ. އޭނާ އަންނަނީ އެމެރިކާގައި ތެލުގެ ޚިދުމަތް ދޭ ކުންފުނި ބޭކާ ހިއުސްގެ ޑިރެކްޓަރުކަން މިދިޔަ ޖުލައި މަހުން ފެށިގެން ކުރަމުންނެވެ. މީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކޮށްފަ އެވެ.
ފޯބްސް އިން 2008 ވަނަ އަހަރު ލިސްޓްކުރި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނާގެ މަގާމަށް އެލްސެންހަންސް ވަނީ ހޮވައިފަ އެވެ. އަދި 2009 ވަނަ އހަރު ފޯބްސް އިން ލިސްޓްކުރި އެންމެ ނުފޫޒުގަދަ 100 އަންހެނުންގެ 10 ވަނައިގައި ވަނީ އެލްސެންހަންސް ހިމެނިފަ އެވެ.
އަރާމްކޯގެ ބޯޑަށް ދެން އައްޔަން ކުރި މެންބަރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ހިމެނެ އެވެ. ކުންފުނީގެ ޗެއާމަނަކަށް މި ފަހަރު ވެސް ހަމަޖައްސާފައި ވަނީ އެނާޖީ މިނިސްޓަރު ޚާލިދު އަލް ފަލާހެވެ. އަރާމްކޯގެ ބޯޑުގައި ތިބެނީ 11 މެންބަރުންނެވެ.
އަރާމްކޯގެ ބޯޑަށް އާ މެންބަރުންތަކެއް ހަމަޖައްސާފައި މި ވަނީ އެ ކުންފުނީގެ ހިއްސާ ވިއްކަން ސައުދީން މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އެ ކުންފުނީގެ ހިއްސާ މި އަހަރު ނުވަތަ އަންނަ އަހަރު ވިއްކަން ފަށާނެ ކަމަށް ބެލެވެ އެވެ. ހިއްސާ ވިއްކައިގެން ސައުދީ އަށް 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ދުނިޔޭގެ އެންމެ ފައިދާ ބޮޑު ކުންފުނި އަރާމްކޯ އަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާގެ ގޮތުގައި ވަނީ 33 ބިލިއަން ޑޮލަރު ލިބިފަ އެވެ.
ސައުދީން މިހާރު ދަނީ ތެލުގެ އަގު ދަށްވަމުން ދާތީ ތެލަށް ބަރޯސާވުން ކުޑަކޮށް އާމްދަނީ ހޯދާނެ އެހެން ގޮތްތައް ބަލަމުންނެވެ.