30 އެޕްރީލް 2018 - 11:29

ކާބުލް (އެޕްރީލް 30) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ދިން ބޮމުގެ ހަމަލާތަކެއްގައި 21 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު އޮފިޝަލުން ބުނެފި އެވެ.
މަރުވި މީހުންގެ ތެރޭގައި ހަތަރު ނޫސްވެރިއަކު ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ކާބުލްގައި ހުންނަ އޭއެފްޕީގެ ޗީފް ފޮޓޯގްރާފަރު ޝާހު މަރާއީ ވެސް ހިމެނެ އެވެ.
މަރުވި މީހުންގެ އިތުރުން 27 މީހަކު ޒަޚަމްވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޖާނުން ފިދާވުމުގެ ފުރަތަމަ ހަމަލާ ދީފައި ވަނީ ނޭޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީއާ ކައިރީގަ އެވެ. އެއީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ޖާސޫސީ އިދާރާ އެވެ. އޭގެ 20 މިނިޓް ފަހުން ދެ ވަނަ ބޮން ގޮއްވާލާފައި ވަނީ އިމެޖެންސީ މެޑިކަލް ޓީމުތަކާއި ނޫސްވެރިން އެ ސަރަހައްދަށް ދިޔަ ތަނާ އެވެ.
ބޮމުގެ ހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ.
ބޮމުގެ ހަމަލާތަކެއް މިއަދު ދީފައި މި ވަނީ ކާބުލްގެ ވޯޓު ރަޖިސްޓްރީ މަރުކަޒަކަށް ޖާނުންފިދާވުމުގެ ހަމަލާއެއްދީ 63 މީހުން މަރާލާފައި ވަނިކޮށެވެ. އަފްޣާނިސްތާނުގެ ޕާލަމެންޓްރީ އަދި ޑިސްޓްރިކްޓް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 20 ވަނަ ދުވަހު އެވެ.