30 އެޕްރީލް 2018 - 10:21

ވަށައިގެން ފެންނަން ތިބޭނީ ދުނިޔޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިންނެވެ. ކައިރީގައި ހިނގަމުންދާނީ އެންމެ މަޝްހޫރު ތަރިންގެ ކުރިމަތިލުންތަކެވެ. އެ ކުޅުންތެރިންގެ ފަހަތުގައި އެހާމެ މޮޅެތި ކޯޗުން އިރުޝާދުދެމުންދާނެ އެވެ. ސްވިޑަންގައި މިހާރު ކުރިއަށްއެދާ ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި، އެ އެންމެންގެ ތެރޭގައި ހުރި އެންމެ ހަގު ކުޅުންތެރިޔަކީ ރާއްޖޭގެ އުމުރުން 10 އަހަރުގެ ފާތިމަތު ދީމާ އަލީ އެވެ.

އޭނާ އެތަނުގައި ހުރީ މަންޒަރު ދެކިލާކަށް ވެސް ނޫނެވެ. ނުވަތަ ތަޖުރިބާ ހޯދައިދޭން އެސޯސިއޭޝަނުން އޭނާ އެތަނަށް ގެންދިޔައީކީ ވެސް ނޫނެވެ. ރާއްޖޭގެ ޓޭބަލް ޓެނިސް ތާރީހުގައި ގައުމީ ޓީމު ތަމްސީލްކުރަން ވޯލްޑް ޗެމްޕިއަންޝިޕަށް ދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި އޭނާ ޓީމުން ޖާގަ ހޯދީ ސީނިއާ ރޭންކިންގެ އެއް ވަނަ ހޯދައިގެންނެވެ. މީގެ ކުރިން ރާއްޖޭން ވޯލްޑް ޗެމްޕިއަންޝިޕަށް ދިޔަ އެންމެ ޒުވާން ކުޅުންތެރިޔަކީ އުމުރުން 13 އަހަރުގައި 1997 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕަށް ދިޔަ އިބްރާހިމް ޝިއުރީ އެވެ.

"މިފަދަ ބޮޑު ސްޓޭޖެއްގައި ގައުމު ތަމްސީލްކުރެވޭތީ އަހަރެން ވަކިން ހާއްސަކޮށް ފަހުރުވެރިވޭ. ސްވިޑަން އަށް އައީއްސުރެ އަހަންނަށް ކުރެވެނީ ވަރަށް ތަފާތު އިހުސާސެއް، ސަބަބަކީ އަހަންނަށް ހިޔާލަށް ވެސް ނުގެނެވޭ އަހަރެންގެ އައިޑަލް ޗައިނާގެ ޑިން ނިންއާ އެއް މުބާރާތެއްގައި ކުޅެނޭކަން،" އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެ އެވެ.
ދީމާއާ އެކު ޓީމުގައި ދެން ހިމެނޭ ދެ ކުޅުންތެރިންގެ އައިޝަތު ރަފާ ނާޒިމަކީ ވެސް އެހާމެ ޒުވާން އަދި އުއްމީދީ ތަރިއެކެވެ. އުމުރުން 14 އަހަރުގެ ރަފާ އަކީ މިދިޔަ ދެ އަހަރު ރާއްޖޭގެ ގައުމީ ޗެމްޕިއަނެވެ. ތިން ކުޅުންތެރިންގެ ޓީމުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔަކީ ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން 13 އަހަރު ހޯދާފައިވާ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދެވެ.
މި ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން ނޯވޭ އަތުން ބަލިވި ނަމަވެސް ބަންގްލަދޭޝް އަތުން ވަނީ 3-0 އިން މޮޅުވެފަ އެވެ. ދެން އޮތީ ވޭލްސް، ބޮސްނިއާ އަދި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މީގެ ތެރެއިން ލަންކާ އާއި ރާއްޖޭގެ މެޗު، ދިވެހި ޓީޓީ އާއިލާގެ އިތުރުން ދީމާ އަށް ވެސް ވަރަށް ހާއްސަ އެވެ.
ދީމާ އަކީ ލަންކާގައި ތަމްރީންވެ އެ ގައުމުގެ މުބާރާތްތަކުން ވިދާލި ކުޅުންތެރިޔެކެވެ. އެ ގައުމުގައި ދެއްކި ހުނަރުވެރިކަމާ އެކު ދީމާ އަށް ލަންކާގެ ރަށްވެހިކަން ދޭން ވެސް އެ ގައުމުން އޮތީ ތައްޔާރަށެވެ. ދީމާ ވަނީ މީގެ ދެ ހަފުތާ ކުރިން މާލޭގައި ބޭއްވި ސައުތު އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕުގައި ލަންކާގެ ކުޅުންތެރިޔަކު ބަލިކޮށް ހޯޕްސް ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ.
ދީމާގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އޭނާގެ މައިންބަފައިންނެވެ. ދީމާއާ އެކު އޭނާގެ މަންމަ އައިޝަތު ވަހީދާ މި ވަގުތު ވެސް ހުރީ ސްވިޑަންގަ އެވެ. ދީމާގެ ކުޅުން ގިނަ ބަޔަކަށް ފާހަގަވީ ވެސް 2016 ވަނަ އަހަރުގެ ސްކޫލް ބަންދުގައި ދީމާ ގޮވައިގެން އޭނާގެ މަންމަ މެލޭޝިއާ އަށް ގޮސް ހޯދައިދިން ފުރުސަތެއްގަ އެވެ.
އެގޮތުން އެ ފަހަރު މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އޭނާ ހޯދީ އުމުރުން 8 އަހަރުގަ އެވެ. މަންސަ މަޖޫ، ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން އޭނާ ރަން މެޑަލް ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އެ އަށް މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
އޭގެ ހަތަރު މަސް ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ ލަންކާގައި އެ ކާމިޔާބީތައް ތަކުރާރުކޮށްފަ އެވެ. އެގޮތުން ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި އޭނާ އަށް ވުރެ ތިން އަހަރު ދޮށީ ކުދިންނާ ވާދަކޮށް 12 އަހަރުން ދަށުގެ އެންމެ މޮޅު ހަތަރު ކުދިންގެ ތެރޭގައި ހިމެނުނެވެ. އެއާ އެކު ލަންކާ ކޯޗުންނާއި އެސޯސިއޭޝަންތަކުގެ ވެރިން ވަނީ އޭނާ ވަށާލި އެވެ.
އެކަމަކު ދީމާ އާއި އޭނާގެ އާއިލާގެ ހިތް އޮތީ ރާއްޖޭގަ އެވެ. ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ ހުވަފެނެއް ކަމަށް އޭނާގެ މަންމަ އޭރު ވެސް ބުންޏެވެ.
"ދީމާގެ އެބަހުރި ޝައުގުވެރިކަމާއި ހުނަރު. ބެލެނެވެރިންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަޅުގަނޑުމެންގެ އުއްމީދަކީ ކޮންމެވެސް ދުވަހަކު ރާއްޖެ ތަމްސީލްކޮށް ރާއްޖެ އަށް އޭނާ ރީތި ނަމެއް ހޯދައިދިނުން،" ދާދި ފަހުން ވަހީދާ ބުންޏެވެ.
އެ ރީތި ނަން ދީމާ މިހާރު ވެސް އެވަނީ ރާއްޖެ އަށް ހޯދައިދީފަ އެވެ. އަދި ކުރިއަށް އޮތީ އެވެ.