22 ޖުލައި 2016 - 21:19

ލަންޑަން (ޖުލައި 22) - އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ސޭމް އެލަޑައިސް ހަމަޖައްސައިފި އެވެ.
އިންގްލެންޑުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން މަގާމުން ވަކިކުރީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެރުނު ދަށް ނަތީޖާގެ ސަބަބުންނެވެ. އިންގްލެންޑުގެ ކެޓީ މުބާރާތުގެ ދެ ވަނަ ބުރުގައި އައިސްލެންޑް އަތުންނެވެ.
އުމުރުން 61 އަހަރުގެ އެލަޑައިސް އިންގްލެންޑާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިންގްލެންޑުން ވަނީ މީގެ 10 އަހަރު ކުރިން ވެސް އެލަޑައިސް އެ ޓީމުގެ ކޯޗަކަށް ގެންނަން މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެލަޑައިސްގެ ބަދަލުގައި އެ ފަހަރު ޓީމު ހަވާލުކުރީ ސްޓީވް މެކްލަރެންއާ އެވެ.
އިންގްލެންޑާ ހަވާލުވުމަށް އެލަޑައިސް މިހާރު ވަނީ އޭނާ ކުރިން ކޯޗުކޮށްދިން ސަންޑަލެންޑް ދޫކޮށްލައިފަ އެވެ. އެލަޑައިސްގެ ކޯޗުކަމުގައި އިންގްލެންޑު ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ ސެޕްޓެމްބަރު މަހު ހަތަރު ވަނަ ދުވަހު ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
އެލަޑައިސް ކޯޗިން ކެރިއަރު ފެށީ 1991 ވަނަ އަހަރު އެވެ. ފުރަތަމަ އޭނާ ކޯޗުކޮށްދިނީ ލިމެރިކް އެފްސީ އަށެވެ. އެ އަށް ފަހު އޭނާ ވަނީ އިނގިރޭސި އަށް ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސްގެ އިތުރުން ވެސްޓް ހޭމް ޔުނައިޓެޑް ހިމެނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އާއި މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެލަޑައިސްއާ އިންގްލެންޑު ހަވާލުކުރުމަށް އިނގިރޭސި އެފްއޭ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.