01 މެއި 2018 - 06:30

މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އަށް ޝާހިދު ކަޕޫރް ސޮއިކޮށްފައިވާކަން އެ ފިލްމްގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޔަގީންކޮށް ދީފި އެވެ.
ތެލެގޫ ވާޝަން ވެސް ޑައިރެކްޓް ކުރި ސަންދީޕް ބުނި ގޮތުގައި ފިލްމް ރަސްމީކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. "އަރްޖުން ރެޑީ" ގެ ހިންދީ ފިލްމް ވެސް ޑައިރެކްޓް ކުރާނީ އޭނަ އެވެ. ސަންދީޕް ބުނި ގޮތުގައި ފިލްމްގެ ޓައިޓްލް ރޯލަށް ބޮލީވުޑުން އެންމެ ފިޓްވާ އެކްޓަރަކީ ޝާހިދެވެ.
އެކަމަކު މި ފިލްމަށް ސޮއި ކުރިކަން ޝާހިދު އަދި ކަށަވަރެއް ނުކޮށްދެ އެވެ. އޭނާ ބުނީ "އަރްޖުން ރެޑީ" ކުޅެން ލިބިއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށާއި އެއީ އޭނާ އަށް ވެސް ވަރަށް ކަމުދިޔަ ފިލްމެއް ކަމަށެވެ. ޝާހިދުގެ މި ވާހަކަތައް މީޑިއާތަކުން ސިފަ ކުރީ އޭނާ ފިލްމަށް އެއްބަސްވެފައިވާ ކަމުގެ އިޝާރާތެއް ގޮތުގަ އެވެ.
"އަރްޖުން ރެޑީ" ގައި ކިޔައިދެނީ ރުޅި ކޮންޓްރޯލް ނުވާ މެޑިކަލް ސްޓޫޑަންޓެއްގެ ލޯބިވެރިޔާ، ގަދަކަމުން އެހެން މީހަކާ އާއިލާ އިން ކައިވެނި ކުރުވުމުން އަރުޖުންގެ ދިރިއުޅުމަށް ކުރިމަތިވާ ނޭދެވޭ ކަންތައްތަކެއްގެ ވާހަކަ އެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ވިޖޭ ދެވަރަކޮންޑާ އާއި ޝާލިނީ ޕާންޑޭ އެވެ.
ގާތްގަނޑަކަށް 51.5 ކްރޯޑް ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި 510 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އަރްޖުން ރެޑީ" ގެ ރައިޓްސް ވިއްކައިލީ 7 ކްރޯޑް ރުޕީސްއަށެވެ.
ޝާހިދު މިހާރު އަންނަނީ "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ރާޖާ މެނަން އާއި އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓް ކުރާ ކުޅިވަރަށް ހާއްސަ ދެ ފިލްމެއް ހިމެނެ އެވެ.
އަދި ކުރީގެ ކްލަސިކް "ވޯ ކޯންތީ" ގެ ބަތަލުގެ ރޯލް ވެސް ޝާހިދަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.