29 އެޕްރީލް 2018 - 18:10

ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހައްޔަރުކުރި މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނެވީ އެމަނިކުފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައުމޫން ވިދާޅުވީ އެމަނިކުފާނު ބަންދުގައި ހުންނަވާތާ 83 ދުވަސްވީ ކަމަށާއި އެމަނިކުފާނުގެ އުމުރުފުޅާއި ސިއްހީ ހާލަތު ހުރިގޮތުން ބަންދުގައި އެކަނި އޮންނެވުމަކީ ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެކަމާ ގުޅޭ މެޑިކަލް ލިޔުންތައް ވެސް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެ، މައުމޫން އެދިވަޑައިގަތީ އެމަނިކުފާނު އެއްކޮށް ބަންދުން ދޫކޮށް ދެއްވުމަށް ނުވަތަ ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށެވެ.
އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މައުމޫން މިހާރު ވެސް ބަންދުގައި ހުންނަވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތް ކުރެއްވުމަށް ފަހު ޚާއްސަ އުސޫލަކުން ކަމަށެވެ. އެގޮތުން ގޮޅިން ބޭރަށް ނުކުމެވަޑައިގަތުމުގެ ފުރުސަތާއި ފަރިއްކޮޅުގެ ކަންކަން މައުމޫނަށް މިހާރު ވެސް ދެއްވަމުން ގެންދަވަނީ އެހެން މީހުންނާ ތަފާތުކޮށް، ޚާއްސަ އުސޫލަކުން ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ހައިލަމް ވިދާޅުވި ގޮތުގައި ރިމާންޑް ޖަލެއްގައި މައުމޫން ބެހެއްޓެވުމަށް އަމުރު ކުރުމަށް ފަހުު، ކަސްޓޯޑިއަލް ޖަލެއްގައި އެމަނިކުފާނު ބަންދުކުރަން އަމުރު ކުރެއްވީ ވެސް މައުމޫންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތް ކުރެއްވުމަށް ފަހު އެވެ. އެގޮތަށް ބަދަލުކުރީ ސިއްހީ ފަރުވާއާ ގުޅޭ ބައެއް ކަންކަން ރިމާންޑް ޖަލުގައި ފުރިހަމަވެފައި ނެތުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.
"ބަންދުގައި ތިބޭ އެހެން މީހުންނާ ތަފާތުކޮށް، ޚާއްސަ އުސޫލަކުން މައުމޫނަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ބަންދުގައި ހުންނެވި މަރުކަޒުން އަންގަވާފައިވޭ އަދި ދައުލަތުން ވެސް އެކަން ފާހަގަކުރި،" ގާޒީ ހައިލަމް ވިދާޅުވި އެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން މައުމޫން ވިދާޅުވީ އެމަނިކުފާނަށް ޚާއްސަ އިންތިޒާމްތަކެއް ހުންނަކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ އިންތިޒާމްތައް ހަމަޖައްސައި ދެއްވީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެކަމަކު ޚާއްސަ އުސޫލުތަކެއް އޮތަސް، ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާއެއް ކަން ފާހަގަ ކުރައްވައި، ގާޒީ ހައިލަމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އަދި މައުމޫންގެ މައްޗަށް ދައުވާކުރާ ސަބަބުތަކަށް ބަލާއިރު އެމަނިކުފާނު ބަންދުން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ގާޒީ ހައިލަމް ވިދާޅުވި އެވެ.
ޝަރީއަތުގައި އޮންނަ އާންމު އުސޫލުން ކޮޅަށް ތެދުވެ ހުންނަވައިގެން މައުމޫން ވާހަކަފުޅު ދައްކަވަން ހުންނެވުމުން، ގާޒީ ހައިލަމް މައުމޫނަށް އެންގެވީ އިށީނދެވަޑައިގެން އިންނަވައިގެން ވާހަކަފުޅު ކުރިއަށް ގެންދެވުމަށެވެ. އެކަމަކު މައުމޫން އެކަމާ ދެކޮޅު ހެއްދެވި އެވެ.
"ނޫން، އަޅުގަނޑު ހަމަ ކޮޅަށް ހުރެގެން ވާހަކަ ދައްކާނީ،" މައުމޫން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމަށް މައުމޫން ހާޒިރުވެ ވަޑައިގަތީ ވަކީލުންނާ ނުލަ އެވެ. އެހެންވެ، ދައުލަތުން ދައުވާ އިއްވުމުން މައުމޫން އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. އެކަމަކު ގާޒީ ހައިލަމް ދެއްވީ ދެ ދުވަހެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގައި ރަސްމީކޮށް، ވަކީލުން ހަމަޖައްސާފައި ނުވިޔަސް އެ މައްސަލައާ ގުޅިގެން ވަކީލުން ކޯޓަށް ސިޓީ ފޮނުއްވާ ކަމަށާއި އަދި މައުމޫން ބަންދުގައި ހުންނަވާއިރު މައުމޫނާ ވަކީލުން ބައްދަލު ވެސް ކުރައްވާ ކަަމަށެވެ. އެހެންވުމުން މައުމޫނަށް ވަކީލުން ހަމަޖެހިފައި ނުވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި މިފަހަރު ދެއްވި ދެ ދުވަހުގެ މުއްދަތަކީ ވަކީލުން ހަމަޖެއްސުމުގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ދެއްވި ދެ ދުވަސް ކަމަށް ގާޒީ ވިދާޅުވި އެވެ،
ވަކީލުން ހަމަޖައްސަން މައުމޫނަށް ދެއްވޭނީ ދެ ދުވަސް ކަމަށް ގާޒީ ވިދާޅުވުމުން މައުމޫން އެދިވަޑައިގަތީ އެމަނިކުފާނު އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތް ގޮތަށް، 10 ދުވަސް ދެއްވުމަށެވެ. މައުމޫން ވިދާޅުވީ ގިނަ މައްސަލަތަކެއްގައި ވަކީލުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެހެންވުމުން ވަކީލުންނާ މަޝްވަރާ ކުރަން ވަގުތު ބޭނުންވާ ކަމަށެވެ.
"ގާނޫނުގައި އެކަމަށް ދެވޭނެ އެންމެ ދިގު މުއްދަތު. އެއީ 10 ދުވަސް ދެއްވުމަށް އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.
އެކަމަކު ގާޒީ ހައިލަމް އަނެއްކާވެސް ވިދާޅުވީ ދެވޭނީ ދެ ދުވަހުގެ މުއްދަތެއް ކަމަށެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން މައުމޫން ދެން ސުވާލު ކުރެއްވީ އަންނަ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާއިރު، ދެ ދުވަހުގެ މުއްދަތު ގުނާނީ އެ ދުވަސް ހިމަނައިގެންތޯ ވިދާޅުވެ އެވެ. ޖަވާބުގައި ގާޒީ ހައިލަމް ވިދާޅުވީ ދެ ދުވަހުުގެ މުއްދަތު ގުނާނީ ބަންދު ދުވަސް ނުހިމަނައި ކަމަށެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައިވެ އެވެ.
މީގެ އިތުރުން އެ އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ބައެއް ފުލުހުންތަކެއް މަގުމައްޗަށް ނެރެ، ޑިއުޓީގައި ތިބި އެހެން ބައެއް ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
މިހާރު އުމުރުފުޅުން 80 އަހަރު ފުރިފައިވާ މައުމޫންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.