29 އެޕްރީލް 2018 - 17:26

ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫން ބާއްވާ މި އަހަރުގެ މަސް ރޭހުގެ ޕާޓްނަރުންނާ އެކު ސޮއިކޮށް، ހުކުރު ދުވަހު ރޭސް ފަށަން ތައްޔާރުވެއްޖެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަސް ރޭހުގެ ޕާޓްނަރުންގެ ގޮތުގައި އުރީދޫން ސޮއި ކުރީ؛ މަޓާޓޯ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމްއާ އެކު އެވެ.
ސޮއިކުރުމަށް ފަހު އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އަހުމަދު ނިޔާޒު ވިދާޅުވީ، ހުކުރު ދުވަހު މަސް ރޭސް ފެށޭނީ މާލެ ސަރަހައްދުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މި ސްކޭލްގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ރާއްޖޭގައި، އެހެންވެ އަޅުގަނޑުމެން މިފަދަ ކަމެއް ކުރިއަށް ގެންދާއިރު ސަރުކާރުގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދެވޭނީ،" މުޅި ރާއްޖެ އަށް ހުޅުވާލެވިގެން ބާއްވާ އުރީދޫ މަސްރޭހާ ގުޅޭގޮތުން ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ އިން ދައުވަތުދޭ ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް މި އަހަރު ބާއްވާ މުބާރާތުގައި ގިނަ ރިސޯޓުތަކާ، ކުންފުނިތަކުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިތުވި އަހަރު މޫސުން ގޯސްވުމުން މަސް ރޭސް ނުބޭއްވުނު އިރު، މި އަހަރުގެ ރޭސް އުރީދޫ އިން ބާއްވަނީ ފީލް އިންވެސްޓްމަންޓާއި ގުޅިގެންނެވެ. މި އަހަރުގެ މަސް ރޭހަކީ އުރީދޫ އިން ބާއްވާ އަށް ވަނަ މަސް ރޭހެވެ.