ސައުދީގައި މުނިފޫހިފިލުވުމުގެ ސިޓީއެއް ހަދަނީ
ސައުދީގައި މުނިފޫހިފިލުވުމުގެ ސިޓީއެއް ހަދަނީ

ރިޔާޒް (އެޕްރީލް 29) - ވެރިރަށް ރިޔާޒާ ކައިރީގައި މުނިފޫހިފިލުވުމުގެ ސިޓީއެއް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އިއްޔެ އިފްތިތާހު ކުރައްވައިފި އެވެ.

މިއީ ތެލަށް ބަރޯސާވުން ކުޑަ ކުރަން ސައުދީން ފަށާފައިވާ "ވިޝަން 2030" ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މޫނިފޫހިފިލުވުމުގެ ސިޓީ ގާއިމްކުރަނީ ވެރިރަށް ރިޔާޒުގެ ހުޅަނގު ދެކުނުން އޮންނަ ގިއްދިއްޔާގައި 334 އަކަ ކިލޯ މީޓަރު (130 އަކަ މޭލު) ގެ ސަރަހައްދެއްގަ އެވެ. ފުރަތަމަ ފޭހުގައި ހިމެނޭ މަތީ ފެންވަރުގެ ތީމް ޕާކްތަކާއި މޮޓޯ ސްޕޯޓްސް ފެސިލިޓީޒް އަދި ސަފާރީ އޭރިޔާ 2022 އަށް ނިންމާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ސައުދީން އުއްމީދު ކުރަނީ މި ޕްރޮޖެކްޓަށް ބޭރުގެ އިންވެސްޓްމެންޓް ލިބޭނެ ކަމަށެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު 17 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށް ވެސް އުއްމީދު ކުރެ އެވެ.

ސައުދީން މި މަހު ވަނީ 35 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސިނަމާތައް ހުޅުވަން ފަށައިފަ އެވެ. ސައުދީގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޓީން ބުނެފައި ވަނީ މި އަހަރު 5،000 ފެސްޓިވަލް ބާއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރު ތެރޭ ފިލްމު އިންޑަސްޓްރީ އަށް 64 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.