ސަލާންކޮށްލާ ގޮތުން ހިތް ދެވިދާނެ
ސަލާންކޮށްލާ ގޮތުން ހިތް ދެވިދާނެ

އަތާއަތްޖޮޑުކޮށް ސަލާންކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ހައްލަކަށް ވެސް ވެ އެވެ. އެކަމަކު ދިރާސާއެއްގައި މިފަހަރު ދައްކަނީ ތަފާތު ވާހަކައެކެވެ.

އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީ އާއި ކޮލަމްބިއާ އޭޖިން ސެންޓަރު ގުޅިގެން ހެދި ދިރާސާއަކަށް ފަހު ބުނީ އަންހެނަކު ކައިވެނި ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެ މީހަކާ އެންމެ "ވަރުގަދަކޮށް" އަތާއަތްޖޯޑުކޮށް ސަލާންކުރާ ފިރިހެނަކާ ކަމަށެވެ.

ދިރާސާގައި ބުނާ ގޮތުން މިފަދަ ސަލާމަކުން އަންހެނަކަށް ކުރެވޭ އިހުސާސްތައް ބޮޑުވެފައި ގިނަ އެވެ. އެގޮތުން އެ މީހަކީ ތިމާގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން އެކަށިގެންވާ، ތިމާ އަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައި ދޭނެ މީހެއް ކަމަށް އަންހެނުނަށް އިހުސާސް ކުރެވެ އެވެ.

އެސްއެސްއެމް-ޕޮޕިއުލޭޝަން ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނާ ގޮތުގައި ފިރިހެނެއްގެ އަތުގެ ބާރަކީ އަންހެނުން ގަޔާވާ ކަމެކެވެ. އަދި އެފަދަ މީހަކާ ކައިވެނި ކުރުމުގެ ޝައުގު އަންހެނުންގެ ބޮޑެވެ.

"ފިރިހެނަކާ ސަލާން ކުރެވޭ އިރު، އަންހެނަކަށް އެ އަތުގެ ބާރާއި ވަރުގަދަކަން އިހުސާސް ކުރެވޭ ނަމަ އެ މީހަކީ ތިމާގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން އެކަށީގެންވާ ކަހަލަ ވަރުގަދަ މީހެއް ކަމުގެ އިހުސާސް ކުރެވޭ،" ދިރާސާ ޓީމްގައި ހިމެނޭ ކޮލަމްބިއާ އޭޖިން ސެންޓަރުގެ ޕްރޮފެސަރު ވެގާޑް ސްކަބެކް ވިދާޅުވި އެވެ. "އަދި އެ މީހަކު ސިއްހީ ގޮތުން ވެސް ދުޅަޔޮ މީހެއްކަމުގެ އިހުސާސް ކުރެވޭނެ."

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ސަލާން ކުރާ އިރު "ވަރުގަދަ" ފިރިހެނުންނަކީ ދިރިއުޅުމުގައި ހަރަކާތްތެރި އަދި އިޖުތިމާއި ގުޅުން ވެސް ވަރުގަދަ މީހުންނެވެ.

ހާވަޑް ޔުނިވަސިޓީ މެޑިކަލް ސްކޫލުން ކުރިން ހަދާފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އަތުގެ ބާރަކީ ސްޓްރޯކް ނުވަތަ ހާޓްއެޓޭކް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ވެސް ބެލިދާނެ މިންގަނޑެކެވެ. އެގޮތުން އަތުގެ ބާރަގަދަ މީހުންނަށް ސްޓްރޯކްގެ ނުރައްކާ ކުޑަވެފައި، ބާރު ކުޑަ މީހުންނަށް ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ހަނދާން ގަދަކޮށްދިނުމާއި މައްސަލަތައް ހައްލު ކުރުމުގެ ހުނަރާއި އަވަހަށް ކަންކަން ނިންމުމުގެ ހުނަރު ވެސް މިފަދަ މީހުންގެ ބޮޑު ކަމަށް ބުނެފައިވެ އެވެ.