30 އެޕްރީލް 2018 - 06:37

މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ކުލަބަށް ވަދެ، އެތައް ބަޔަކު ހައިރާންކޮށްލި ފިލްމް "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލު ކާތިކް އާރިޔަން އަށް ލިބުނު ސަމާލުކަމާ އެކު، އޭނާ އަށް މިހާރު އަންނަަނީ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން ހުށަހެޅުންތައް އޮހެމުންނެވެ.
އިހަކަށް ދުވަހު މީޑިިއާތަކުން ރިޕޯޓްކުރި ގޮތުގައި ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމަކުން 29 އަހަރުގެ އެކްޓަރަށް ވަނީ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު އުފަލެއް ކާތިކަށް ލިބެނީ، ބަތަލާ ކަރީނާ ކަޕޫރާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ލިބޭތީ އެވެ. އޭނާ ދާދި ފަހުން ވަނީ ކަރީނާއާ ފިލްމެއް ކުޅެން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ފިލްމަކުން ކާތިކަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެ ފިލްމަކީ ކަރީނާ އާއި ސިދާތު މަލްއުތުރާ ވެސް އެކުގައި ފެނިގެން ދާ ފިލްމެވެ. ކަރަންއަކީ ވެސް ކާތިކް ވިޝް ލިިސްޓްގައި ހިމެނޭ އެއް ޕްރޮޑިއުސަރެވެ.
ރާޖް މެހެތާ އަލަތު ޑައިރެކްޝަނުގައި ކަރީނާގެ ލޯބިވެރިއެއްގެ ރޯލުން ކާތިކް ފެންނާނެ ކަމަށް ނުބެލެވުނަސް، އެއް ފިލްމެއްގައި ކުޑަމިނުން ސްކްރީން ހިއްސާކޮށްލަން ލިބޭތީ އޭނާ ހުރީ ލައްކަ އުފަލުން ކަމަށްވެ އެވެ. މި ފިލްމްގައި ކާތިކާ އެކު، ފެނިގެން ދާނީ އެހެން ބަތަލާއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ވަރަށް އަވަހަށް ކަރަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ. ރާޖްއަކީ އަންނަ ޖުލައި 20 ގައި ރިލީޒް ކުރާ ފިލްމް "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާންގެ އެސިސްޓަންޓް ޑައިރެކްޓަރެވެ.
އޭނާ ވަނީ ޝަޝަންކްއާ އެކު، "ބަދްރިނާތު ކީ ދުލްހަނިޔާ" ގައި ވެސް އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.