29 އެޕްރީލް 2018 - 10:33

ޕިއޮންޔޮން (އެޕްރީލް 29) - ނޯތު ކޮރެއާގެ ނިއުކްލިއާ ޓެސްޓް ސައިޓް އަންނަ މެއި މަހު ބަންދުކުރަން ނިންމާފައިވާ ކަމަށް ސައުތު ކޮރެއާގެ ރައީސްގެ އޮފީހުން ބުނެފި އެވެ.
ރިޔާސީ ތަރުޖަމާން ޔޫން ޔަންގް-ޗަން ވިދާޅުވީ ޕަންގިޔެ-ރި ސައިޓް ބަންދު ކުރާނެ ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ އާއްމުންނަށް ފެންނަ ގޮތަށް ބާއްވާ ރަސްމިއްޔާތެއްގައި ކަމަށާއި ސައުތު ކޮރެއާ އާއި އެމެރިކާގެ އޮފިޝަލުންނަށް އެ ރަސްމިއްޔާތަށް ދައުވަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫން ވިދާޅުވީ ސައުތު ކޮރެއާގެ ގަޑިއާ ދިމާވާ ގޮތަށް ނޯތު ކޮރެއާގެ ޓައިމް ޒޯން ބަދަލު ކުރަން ވެސް ކިމް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ހެދުމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވަނީ ހުކުރު ދުވަހު ބޭއްވި ސަމިޓްގައި އެއްބަސްވެވަޑައިގެންފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފުތާ ތެރޭ ނޯތު ކޮރެއާގެ ލީޑަޝިޕާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ނޯތު ކޮރެއާގެ އިރު އުތުރުގައި އޮންނަ ޕަންގިޔެ-ރި ސައިޓަކީ އެ ގައުމުގެ އެންމެ ބޮޑު ނިއުކްލިއާ ފެސިލިޓީޒް އެވެ. މީގެ ކުރިން ނިއުކްލިއާ ޓެސްޓްތައް ކޮށްފައި ވަނީ ޕަންގިޔެ-ރި ކައިރީގައިވާ މަންޓަޕް ފަރުބަދައިގެ ދަށުގައިވާ ޓަނަލެއްގަ އެވެ. ނޯތު ކޮރެއާ އިން 2006 ވަނަ އަހަރު ވަނީ ނިއުކްލިއާ ހަ ޓެސްޓް ކޮށްފަ އެވެ.