29 އެޕްރީލް 2018 - 11:21

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި، ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓް ކަމަށެވެ. އެ ކެންޑިޑޭޓު ކަނޑައަޅާނީ ވަކި ޕާޓީތަކުގެ ޕްރައިމަރީ އަށް ފަހު ކަމަށް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެއް ކެންޑިޑޭޓަކު ހޮވަން މި ޕާޓީތަކުގެ މަންދޫބުންނާ އެކު އެކުލަވާލާފައިވާ ކޮމެޓީން ކުރިން މަޝްވަރާކޮށްފައި ވަނީ، ޕާޓީތަކުން ވަކިވަކި ޕްރައިމަރީތަކެއް ބޭއްވުމަށް ފަހު ހޮވޭ ކެންޑިޑޭޓުންނާ އެކުު ކޯލިޝަން ޕްރައިމަރީއެއް ބޭއްވުމަށެވެ. އެއް ކެންޑިޑޭޓު ކަނޑައަޅާނީ އެ ޕްރައިމަރީގައި ކަމަށް ވާހަކަ ދެކެވުނަސް އެކަން ރަސްމީކޮށް ނިމުނު ކަމެއް މިހާތަނަށް މީޑިއާ އަށް ހާމަކޮށްފައެއް ނުވެ އެވެ.
"އެމްޑީޕީގެ ޕްރައިމަރީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައިވެރިވާނަން،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭނީ، ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކަށް ފަހު ކަމަށް ނަޝީދު މި ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރުން ކާމިޔާބު ނުވާނެ ކަމަށް ބުނެ ވެރިކަންކުރާ ޕީޕީއެމުން ފާޑުކިޔަމުން ދަނިކޮށެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބަށް ނެރެން ބޭނުންވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ރާއްޖޭގެ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުތައް ބުނާގޮތުން، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މި ދެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ. އެއީ، ދެ ބޭފުޅުންނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި އެވެ.
މި ހާލަތު އޮތަސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަޝީދު ވިދާޅުވީ މިހާރު އޮތް ހާލަތުން އިންތިޚާބުގައި ވާދަކުރައްވަން ފުރުސަތު ލިބިވަޑައިނުގެންނެވި ނަމަވެސް، އެންމެ ފަހު ވަގުތު ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީނާ ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދަށް ޖަލު ހުކުމެއް އިއްވީ ބޭއިންސާފުން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާއިރު، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު، ދިވެހި ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގެ ގާނޫނުތަކުގައި އެ ފުރުސަތެއް ނަޝީދަށް ނެތް ކަމަށާއި އެހެންވެ ކޮމެޓީގެ ނިންމުމަކަށް އަމަލުނުކުރާނެ ކަމަށެވެ.