29 އެޕްރީލް 2018 - 10:21

އިދިކޮޅު އެމްޑީޕީގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިދިޔަ ހަފުތާގައި ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ގާނޫނުގައި ކަނޑައަޅާފައިވާ ފައިސާ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފަ އެވެ.
އެ ޕާޓީ އަށް ފައިސާ ދޫކުރަން ނުފޮނުވީ، އީސީން ބުނެފައިވާ ގޮތުގައި، އޮޑިޓް ރިޕޯޓް ހުށަނާޅައިގެންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހްމަދު އަބްދުﷲ މިއަދު ވިދާޅުވީ، އެ ޕާޓީގެ އޮޑިޓް ރިޕޯޓް ހެދީ، އިންޓަނޭޝަނަލް އޮޑިޓް ފާމެއް ކަމަށްވާ އާންސްޓް އެންޑް ޔަންގް އިން ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަން، ގާނޫނުގައި ބުނާ މުއްދަތު ހަަމަވާނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.
"ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ކުރިން އަޅުގަނޑުމެން ވާނީ އޮޑިޓް ރިޕޯޓް ހުށަހަޅާފައި،" އަހްމަދު ވިދާޅުވި އެވެ.
ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 251.58ރ. ގެ މަގުންނެވެ.
މެމްބަރުން އެންމެ ގިނަ ޕާޓީގެ ގޮތުގައި، މި އަހަރު ވެސް ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށެވެ. އެއީ، 11.5 މިލިއަން ރުފިޔާ އެވެ.
ޖުމްލަ 29،759 މެމްބަރުންނާ އެކު ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތްއިރު، އެ ޕާޓީ އަށް ލިބޭނެ ފައިސާގެ އަދަދަކީ 7.5 މިލިއަން ރުފިޔާ އެވެ. އެމްޑީއޭގައި، 10،537 މެމްބަރުން ތިބިއިރު، އެ ޕާޓީ އަށް ދޭން ނިންމާފައިވަނީ 2.7 މިލިއަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީ އަށް ޕާޓީއަށް ދޫކުރުމަށް ނިންމާފައިވަނީ 2.6 މިލިއަން ރުފިޔާ އެވެ. އެ ޕާޓީގައި ތިބީ 10،225 މެމްބަރުންނެވެ.