29 އެޕްރީލް 2018 - 09:15

މިލާން (އޭޕްރިލް 29) – އެކަކު މަދުކޮށް ކުޅުނު އިންޓަ މިލާން އަތުން ފަހު ވަގުތު ފަހަތުން އަރައި 3-2 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބާކީ ތިން މެޗު އޮތްއިރު ޔުވެންޓަސް އެއް ވަނައިގައި އޮތީ 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 84 ޕޮއިންޓާ އެކު އޮތް ނަޕޯލީން މިރޭ ފިއޮރެންޓީނާ އަތުން މޮޅުވެއްޖެ ނަމަ އެއް ޕޮއިންޓަށް އަނެއްކާ ވެސް ގާތްކުރެވޭނެ އެވެ.
މިދިޔަ ހަފުތާގައި ނަޕޯލީ އަތުން ބަލިވެ ޔުވެންޓަސް އަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލުމުގެ ބިރު އޮތީ ކުރިމަތިވެފަ އެވެ. އެކަމަކު އެ ޓީމު މިވަނީ ވަރުގަދަ ދެ ޓީމާ ކުޅެން އޮތް މެޗުތަކުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފަ އެވެ. ދެން އުނދަގޫ މެޗަކަށް އޮންނާނީ ރަށުން ބޭރުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ސެންސީރޯގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ވަނީ ޔުވެންޓަސް އަށް ލީޑު ނަގައިދީފަ އެވެ. އިންޓަ އަށް މައްސަލަތަކެއް ދިމާވީ ނުރައްކާތެރި ޓެކުލެއް ކުރުމުން 18 ވަނަ މިނެޓުގައި މަޓިއަސް ވެޗީނޯ އަށް ރަތްކާޑު ދެއްކުމުންނެވެ. އެކަމަކު ދެ ވަނަ ހާފުގައި އެ ޓީމުން އެންމެން ހައިރާންކޮށްލުމަށް ފަހު ފަހަތުން އަރައި ކުރި ހޯދި އެވެ. ފުރަތަމަ ގޯލް 52 ވަނަ މިނެޓުގައި ކެޕްޓަން މައުރޯ އިކާޑީ ޖެހިއިރު ދެ ވަނަ ގޯލަކީ 65 ވަނަ މިނެޓުގައި ޔުވެންޓަސްގެ އަންދްރޭ ބަރްޒާލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔުވެންޓަސް ބަލިވެ ލީގު ހޯދުމުގެ ރޭހުގައި ފަހަތަށް ފިޔަވަޅެއް އަޅާނެ ކަމަށް ބެލެވިފައި ވަނިކޮށް އެ ޓީމުން ފަހު ތިން މިނެޓުގެ ތެރޭ ހުރިހާ ކަމެއް ބަދަލުކޮށްލި އެވެ. އެގޮތުން 87 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަވީ އިންޓަގެ މިލަން ސްކްރިނިއާރް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި 89 ވަނަ މިނެޓުގައި ގޮންޒާލޯ ހިގައިން ޖެހި ގޯލާ އެކު މެޗު ކާމިޔާބުކުރި އެވެ.