29 އެޕްރީލް 2018 - 09:18

ކާޑިފް، ވޭލްސް (އޭޕްރީލް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން ސްވަންސީ ސިޓީ ބަލިކޮށް ޗެލްސީން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑު ކޮށްފި އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލަނޑެއް ނުޖެހި ރެލިގޭޝަން ޒޯނުގައި އޮތް ސްޓޯކް ސިޓީއާ އެއްވަރުވުމުން ޗެލްސީން ވަނީ އޭގެ ފައިދާ ނަގައިފަ އެވެ. ލީގުގެ ތިން ވަނައިގައި ލިވަޕޫލް އޮތީ 36 މެޗުން 72 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 34 މެޗުން 68 ޕޮއިންޓާ އެކު އެވެ. ޗެލްސީން ވަނީ ރޭގެ މޮޅާ އެކު 35 މެޗުން 66 ޕޮއިންޓް ހަމަކޮށްފަ އެވެ.
ލީގުގައި ބާކީ ޗެލްސީ އަށް އޮތް ތިން މެޗުން އެ ޓީމު މޮޅުވި ނަމަވެސް ލިވަޕޫލާއި ޓޮޓެންހަމުން ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީ އަށް ގަދަ ހަތަރެއްގެ ފުރުސަތު ނުލިބިދާނެ އެވެ. ގަދަ ހަތަރެއްގައި ނިންމަން ޗެލްސީ އަށް އެންމެ މުހިއްމު މެޗަކީ އަންނަ ހަފްތާގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޭ ސްޓޯކާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި ލިވަޕޫލަށް ލަނޑު ޖަހައިދޭން މުހައްމަދު ސަލާހަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ލިވަޕޫލުގެ ސަލާހަށް ކުރި ފައުލަކަށާއި ސްޓޯކްގެ އެރިކް ޕީޓާސް އަތުގައި ޖެހުނު ބޯޅައަކަށް ލިވަޕޫލުން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީން ނިންމީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.
ސްވަންސީ ކޮޅަށް ރޭގެ މެޗު ފެށިގެން ހަތަރު ވަނަ މިނިޓްގައި ލަނޑު ޖެހީ ސެސްކް ފަބްރެގަސް އެވެ. މިއީ ފަބްރެގަސް ޕްރިމިއާ ލީގުގައި ޖެހި 50 ވަނަ ގޯލެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޑިއޭގޯ ކޮސްޓާ އާއި ފެނާންޑޯ ޓޮރޭޒް އަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މި މެޗުން ހޯދި ކާމިޔާބީއާ އެކު ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ ވަނީ ޕްރިމިއާ ލީގުގައި އޭނާ އިރުޝާދުދިން ފުރަތަމަ 73 މެޗުން 50 މޮޅު ހަމަކޮށްފަ އެވެ. އެންމެ އަވަހަށް 50 މޮޅު ހަމަކުރީ ހޯސޭ މޮރީނިއޯ އާއި ޕެޕް ގާޑިއޯލާ އެވެ. މޮރީނިއޯ 60 މެޗުން 50 މޮޅު ހަމަކުރިއިރު، ގާޑިއޯލާ 50 ވަނަ މޮޅު ހޯދީ 69 މެޗުންނެވެ.
ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމް އާއި ސައުތެމްޓަން ރޭ ކުޅުނު މެޗުތަކުން މޮޅުވުމުން ލީގުގެ އެ ހިސާބުގައި އޮތް ޓީމުތަކަަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.