ޓްރަމްޕް-ކިމްގެ ސަމިޓް ބާއްވަން ރަސްމީ ހުށަހެޅުމެއް ނުލިބޭ: ސިންގަޕޫރު
ޓްރަމްޕް-ކިމްގެ ސަމިޓް ބާއްވަން ރަސްމީ ހުށަހެޅުމެއް ނުލިބޭ: ސިންގަޕޫރު

ސިންގަޕޫރު (އެޕްރީލް 29) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓް ބާއްވަން ސިންގަޕޫރަށް ރަސްމީކޮށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ލީ ސިއެން ލޫން ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެފައި ވަނީ ކިމްއާ އެކު ސަމިޓް ބާއްވަން ކުރިން ލިސްޓްކުރި ފަސް ގައުމު މިހާރު ދޭކަށް މަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ގައުމުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވާނެ ކަމަށް ބެލެވެނީ ދެކުނު އިރުމަތީ އޭޝިއާގެ މާލީ ނާރެހެއްގެ ގޮތުގައި ބެލެވޭ ސިންގަޕޫރުގަ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްގައި ލީ ސިއެން ވިދާޅުވީ އެމެރިކާ- ނޯތު ކޮރެއާގެ ސަމިޓް ބާއްވަން ސިންގަޕޫރަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.

"ސަމިޓް ބާއްވާ ތަނެއްގެ ގޮތުގައި ސިންގަޕޫރުގެ ވާހަކަ ޚަބަރުތަކުން އަޑުއިވޭ. އެކަމަކު އެއްވެސް ޕާޓީއަކުން ރަސްމީކޮށް އެއްވެސް ހުށަހެޅުމެއް އަދި ނުލިބޭ. ސިންގަޕޫރުގައި ސަމިޓް ބޭއްވޭނީ އެމެރިކާ އަދި ނޯތު ކޮރެއާ އިން ވެސް އެއްބަސްވެގެން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލީ ސިއެން ލޫން ވިދާޅުވި އެވެ.

ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވަފާނެ ކަމަށް ބެލެވޭ ތަންތަނުގެ ގޮތުގައި ރިޕޯޓްކޮށްފައިވާ އެހެން ތަންތަނުގެ ތެރޭގައި ސްވިޑަން، ފިންލެންޑް، ސްވިޒަލެންޑް ނުވަތަ ޗައިނާ އާއި މޮންގޯލިއާގެ ވެރިރަށް އަދި ދެ ކޮރެއާ ބައިކުރާ ޑިމިލިޓަރައިޒް ޒޯން ހިމެނެ އެވެ.

ސިންގަޕޫރާއި ނޯތު ކޮރެއާއާ ދެމެދު ވަނީ ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ. އަދި ނޯތު ކޮރެއާގެ އެމްބަސީއެއް ސިންގަޕޫރުގައި ހިންގަ އެވެ. އެކަމަކު އދ. އިން އެޅި ފިޔަވަޅުތަކާ ގުޅިގެން ސިންގަޕޫރުން ނޮވެމްބަރު މަހު ވަނީ ނޯތު ކޮރެއާއާ ވިޔަފާރީގެ ގުޅުން ކަނޑާލައިފަ އެވެ.

ސިންގަޕޫރުގައި މީގެ ކުރިން ވަނީ ތާރީޚީ ސަމިޓްތައް ބާއްވައިފަ އެވެ. އޭގެ ތެރޭގައި ޗައިނާ އާއި ޓައިވާނުގެ ރައީސުންގެ ބައްދަލުވުން މީގެ ތިން އަހަރު ކުރިން ވަނީ އެ ގައުމުގައި ބާއްވައިފަ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޓައިވާނުގެ ރައީސް މާ ޔިންގް-ޖިއޯ މީޑިއާގެ ކުރިމަތީގައި މިނިޓެއްހާ އިރު ސަލާމް ކުރައްވައިގެން ތިއްބެވީ ދެ ގައުމުގެ މެދުގައި އެތައް އަހަރަކު އޮތް ރުޅިވެރިކަމަށް ނިމުމެއް ގެނައުމުގެ ރަމްޒެއްގެ ގޮތުންނެވެ.