29 އެޕްރީލް 2018 - 06:40

ބުދަ ދުވަހާ ގުޅޭ
އަޔާންގެ ފަހަތުން ޒައިދުބެއާ ލީނާ ގޮސް އެ ކޮޓަރި އަށް ވަނެވެ.
"ސާޖީ...!" އަހަރެން އަޔާން ގެއްލުނު ދިމާއަށް ބަލަން ހުއްޓާ ސަބާ އިރުކޮޅަކުން އައިސް ކޮނޑުގައި ހިފައިލި އެވެ.
"ސަބާ އަހަރެން ކިހިނެއް ހަދަންވީ؟ އަޔާން ފުރުމުގެ ކުރީން ބުނަންވީތަ އަޔާން އަށް އިތުބާރުކޮށްފައި އެކުގައި އުޅެން ތައްޔާރޭ؟" އެ ހުރިގޮތަށް ދުރު ބަލަން ހުރެގެން އަހަރެން ސުވާލުކުރީމެވެ.
ސަބާ ޖަވާބުނުދީ ސިކުންތުކޮޅެއް ފާއިތުވެގެން ދިއުމުން އެނބުރި އެ މޫނަށް ބަލާލެވުނެވެ. ސަބާ ދޫކޮށްލީ ފުން ނޭވައެކެވެ. އޭނަ އިސްޖަހައިލުމުން އަހަރެންގެ ސިކުނޑި އަށް ނުތަނަވަސްކަން ވަނެވެ. ސަބާގެ އެ ހަރަކާތުން ދޭހަވީ އޭނަ އަހަންނަށް އެއްޗެއް ބުނެދޭން ބޭނުންވެ ނުކެރިގެން އުޅޭ ކަމެވެ.
"ކޮން ވާހަކައެއް ބުނަން ބޭނުންވެގެން ތި އުޅެނީ؟" އަހަރެން ސަބާގެ ދަތްދޮޅީގައި ހިފާ އުފުލާލައިފައި އެ ލޮލަށް ބަލަމުން އެހީމެވެ.
"އަހަރެން ހަމައެކަނި ބުނަން އޮތީ އަޔާން ފުރާތީ ކުއްލިއަކަށް ޖަޒުބާތުގައި ހުރެގެން އިހަށް ޖަވާބު ނުދޭށޭ. ތަންކޮޅެއް ހަމަޖެހިލައިގެން ތާޓީ ޑޭސް ހަމަވާ ދުވަހު ބުނުން އަހަންނަށް ރަނގަޅީ." ސަބާ ވާހަކަދައްކަމުން އަހަރެންގެ އަތްތިލައިގައި ހިފައި ފިތައިލި އެވެ.
އެކުވެރިޔާގެ ލަފާ ގަބޫލުކުރުމުގެ ގޮތުން އަހަރެން ބޯޖަހައިލީމެވެ.
ދިހަވަރަކަށް މިނިޓްގެ ތެރޭގައި އަޔާން ދަބަސް ކޮނޑުގައި އަޅުވައިގެން ނިކުމެގެން އަންނާތީ ފެނުނެވެ. ޒައިދުބެ އާއި ލީނާ ހަރުކޮށް ހިނގާފައި އައީ އަޔާންގެ ފަހަތުންނެވެ. އަހަންނާ ހަމަވުމުން އަޔާން ހުއްޓިފައި ކޯތާފަތުގައި ހިފަހައްޓައިލި އެވެ.
"ގޮސް ގުޅާނަން އިނގޭ. ޓޭކް ކެއަރ،" އަޔާންގެ ޖުމްލަ ނިންމާލައިފައި އަހަރެންގެ ނިތުގައި ބޮސްދިނެވެ.
އަހަރެން ބޯޖަހައިލުމުން ސިކުންތުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ބަލަން ހުއްޓެވެ. ދެން އަހަރެންގެ އަތަށް ފިތާލައިފައި ގޮސް ބޭރަށް ނިކުމެއްޖެ އެވެ.
އެ ރޭ އަހަންނާއި ސަބާ މަޑުކުރީ ލީނާގެ ކައިރީގައި އެ ގޭގަ އެވެ. އަޔާން ނިކުތީއްސުރެ އަހަރެންގެ ހިތުގައި އުފެދުނު ނުތަނަވަސްކަން އިތުރުވަމުން ފެތުރެމުން ދިޔަ އެވެ. އަހަރެންގެ ހިތްހަމަޖައްސައި ދިނުމަށްޓަކައި ސަބާ ވަރަށް ވާހަކަދެއްކި އެވެ. އަހަރެން ކުރަން ބޭނުންވީ އެންމެ ސުވާލެކެވެ. ސަބާ އެވަރަކުން އަހަރެން ހުއްޓުވި ސަބަބެވެ. ސަބާ ވެރިކޮށްލީ ހިނިތުންވުމެކެވެ.
އޭނަ އިން ސޯފާއިން ތެދުވެގެން އައިސް އަހަރެންގެ ކައިރީ އިށީންދެފައި އަތުގައި ހިފާލި އެވެ.
"އިޓްސް ނަތިން ސީރިއަސް. އަހަރެން ހިތަށްއެރީ ސާޖީ ތައްޔާރުނުވެ ހުރެގެން ދިމާވި ހާލަތާ ގުޅޭގޮތަށް އަމަލުކޮށްފިއްޔާ ފަހުން ރިގްރެޓް ކުރަން ޖެހިދާނެއޭ. އެހެންނޫނަސް އޭނަ ވެސް މާ އުފާވާނެ ކަންނޭނގެ އެނބުރި އައިސް ހަމަޖެހިފައި ހުއްޓާ ބުނީމަ،" ސަބާ ދެއްކި ވާހަކައިގެ ތެދުކަން ހާމަކޮށްދިނީ އެ ތުންފަތުގައި ދެމިހުރި ހިނިތުންވުމެވެ. އަހަރެން އެއްބައިވެ ބޯޖަހައިލީމެވެ.
ނިދަން ސޯފާގައި އޮވެވުނުކަން އެނގުނީ ލީނާ ހެނދު ހެނދުނާ ހޭލައިގެން އައިސް ވާހަކަދައްކަނިކޮށް ހޭލެވިގެންނެވެ. ޒައިދުބެ ގުޅި ވާހަކަ ބުނުމުން އަހަރެން ފޯނު ހޯދަން ފެށީމެވެ. ފަހަރެއްގައި އަޔާން އަހަންނަށް ގުޅައިފައި ވެސް އޮވެދާނެ އެވެ.
"ކީކޭތަ ބުނީ؟ އަޔާންގެ މަންމަގެ ވާހަކަ ބުނިތަ؟" ސޯފާމަތީ ހުރި ކުޝަންތައް ނަގައި ބަލަމުން އަހަރެން ސުވާލުކުރީމެވެ.
"ބުނީ އައިސީޔޫގައި އޮތް ވާހަކަ. އަހަރެން އެހިން އަޔާން ކޮބައިތޯ ވެސް. އަޔާން އެ ގަޑީގައި އޭނަގެ ކޮންމެވެސް ދައްތައަކާ ވާހަކަދައްކަން ދުރުގައި ހުރި ވާހަކަ ބުނީ،" ލީނާ ވާހަކަދައްކަން ފެށުމުން އަހަރެން މަސައްކަތް ހުއްޓާލައިފައި އެ މޫނަށް ބަލަން އިނީމެވެ.
"އަޅެ ކޮބާތަ މަގޭ ފޯނު؟" ވަށައިގެން ލޯ ހިންގައިލާފައި ތެދުވަމުން އަހަރެން ބުނެލީމެވެ.
"އެބައޮތް ބަދިގެ މޭޒުމަތީގައި،" ސަބާ ކޮފީ ޖޯޑެއް ހިފައިގެން ނިކުންނަމުން އޮޅުންފިލުވައިދިނެވެ.
"އޯހ ތޭންކްސް،" އަހަރެން ތެދުވެގެން އަވަހަށް އެ ދިމާއަށް ދިޔައީމެވެ.
އަޔާންގެ މެސެޖެއް ނޫނީ ފޯނު ކޯލެއް އާދޭތޯ އަހަރެން މުޅި ރޭ އުޅުނީ އެއަތުން ދޫކޮށްނުލަ އެވެ. އެތާ ބޭއްވިފައި އޮތީ ނިދުމުގެ ކުރިން ފެން ބޯން ވަންގަޑީގައި ކަން ޔަގީނެވެ. މޭޒުމަތީ ފޯނު އޮއްވާ ފެނުމުން އަވަހަށް ނަގައި ދިއްލާލަން އުޅުނު ވަގުތު ލިބުނީ މާޔޫސްކަމެވެ. ފޯނު އޮތީ ނިވިފަ އެވެ. އަހަރެން ބެލީ އަވަހަށް ޗާޖު ކުރެވޭތޯ އެވެ. ނިކުމެ އަތް ދަބަސް ބެލިއިރު ޗާޖަރު ގެނެވިފައެއް ނެތެވެ.
"ސަބާ ޗާޖަރު އެބައޮތްތަ؟" އަހަރެން މަސައްކަތް ހުއްޓާލައިފައި ކޮފީ ބޯން އިން ސަބާ އަށް ގޮވައި ސުވާލުކޮށްލީމެވެ.
ސަބާ ބޯޖަހާލައިފައި މޭޒުމަތީ ހުރި ދަބަސް އިޝާރާތުން ދައްކައިލި އެވެ. އަވަހަށް އެނަގައި ޗާޖަށް ޖަހާފައި ހުޅުވޭނެ އިރެއްގެ އިންތިޒާރުގައި އިނދެވުނެވެ. ކޯލް އެލާޓް އައިސްފައި އިނުމުން އަވަހަށް ބަލައިލެވުނެވެ. ހައިރާންކަން ވެރިވީ އެއީ އެހެން މީހަކަށް ވީމަ އެވެ. އަޔާންގެ ކޯލެއް ނެތްތާނގައި އޭނަގެ މެސެޖެއްހާ ހިސާބު ވެސް ނެތެވެ. އަހަރެންނަށް ވިސްނައިލެވުނެވެ.
އަޔާން އަދި ހަމައަކަށް ނޭޅެނީ ކަމަށް ވެދާނެ އެވެ. އެ ހާލަތުގައި ހުރެ އަހަންނަށް ގުޅައި އިތުރު ނުތަނަވަސްކަމެއް ދޭކަށް އޭނަ ބޭނުމެއް ނުވާނެ އެވެ. އަޔާން ގުޅާނީ ތަންކޮޅެއް ހަމަޖެހިލައިގެން ކަމަށް ވެދާނެ އެވެ.
އަހަރެންގެ ނުތަނަވަސްކަން އިތުރުވާން ފެށީ މެންދުރުވާން ކައިރި ވީއިރު ވެސް އަޔާންގެ ޚަބަރެއް ނުވީމަ އެވެ. ސަބާ އޭރު ގެއަށް ހިނގައްޖެ އެވެ. އަހަރެން ވެސް ގެއަށް ގޮސް ތައްޔާރުވެގެން އައިސް އިނީ އޮފީހުގަ އެވެ. އެކަމަކު ސިކުނޑީގައި އޮތީ އަޔާން އެވެ. ހިތުގައި ފާޑުފާޑުގެ ޝައްކުތައް އުފެދެން ފެށުމުން ވިސްނަދޭން މަސައްކަތް ކުރީމެވެ. އަދި އެހާ އަވަހަށް ފާޑު ފާޑު ހިޔާލު ކުރަން ނުވާނެކަން އަންގައިދިނީމެވެ. އަޔާން އަށް އަހަރެން ކުރާ އިތުބާރު އެއަށްވުރެ ވަރުގަދަ ވާން ޖެހޭނެ ނޫން ހެއްޔެވެ؟
"ލީނާ. ޒައިދުބެ ގުޅިތަ؟" މެންދުރުފަހު އޮފީސް ނިންމާފައި ގެއަށް ގޮސް އިނދެގެން އަހަރެން ލީނާ އަށް ގުޅާފައި އެހީމެވެ.
ލީނާ އެއްބަސްވި އެވެ. އޭނަ ވިސްނާނެ އެއްޗެއް ނޭނގޭތީ އަޔާންގެ ވާހަކަ ބުނާކަށް ނުކެރުނެވެ. ދެން އަހަރެން ގުޅީ ސަބާ އަށެވެ. ވަރަށް ފަސޭހައިން ސަބާ ފޯނު ނެގި އެވެ.
ނުނިމޭ