29 އެޕްރީލް 2018 - 06:43

އެމެރިކާއިން ޖަރުމަނަށް ކުރި ދަތުރެއްގައި މީހަކު ހޮޓަލެއްގައި އެކަނި އޮވެ ވިހައިފި އެވެ.
އުމުރުން 22 އަހަރުގެ ޓިއާ ފްރީމަން ވިހެއީ ޖަރުމަނަށް ދިޔަ މަގުމަތީ، ތުރުކީގަ އެވެ. ފްރީމަން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި އޭނާ އެކަނި އޮވެ ވިހަން މަޖުބޫރުވި ހާލަތުގައި ކަންތައް ކުރަންވީ ގޮތުގެ އެހީ ހޯދީ ޔޫޓިއުބް ބަލައިގެންނެވެ.
ފްރީމަން ބުނި ގޮތުގައި ބަނޑު ބޮޑުވެފައި ހުއްޓާ ވެސް އެކަނި ދަތުރުކުރަން ނިންމީ މާޗް މަހު ޖަރުމަނަށް ދާން ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ބަނޑު ބޮޑުކަން އެނގުމުންނެވެ. އެކަން އެނގުނީ ޖެނުއަރީގައި ކަމަށާއި އޭރު ވެސް ހަ މަސް ވެއްޖެ ކަމަށެވެ.
ޖަރުމަނުގައި ހުރި ރައްޓެއްސަކާ ބައްދަލުކުރަން ރޭވި ދަތުރު ކެންސަލް ނުކުރީ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަގު ބޮޑުކަމުންނެވެ. އަގު ހެޔޮކޮށް ދަތުރުކުރަން ދުރާލައި ނެގި ޓިކެޓް ކެންސަލް ނުކޮށް ކުރި ދަތުރުގައި ފްރީމަން ވިހަން ބަނޑުގައި ރިއްސަން ފެށީ ތުރުކީގެ އިސްތަންބޫލްގައި ހުއްޓަ އެވެ. ފްލައިޓްގައި އިންދާ ވެސް ރިހުން އައި ކަމަށާއި އެކަމަކު ހޮޓަލާ ހިސާބަށް އެކަނި ދެވޭ ވަރު ވީ ކަމަށް އޭނާ ބުންޏެވެ.
ޓްވިޓާގައި ފްރީމަން ބުނި ގޮތުގައި އޭނާ ވިހަން ވަނީ ފާހާނާއަށެވެ. އޭގެ ކުރިން ފާހާނާ ސާފުކޮށް ތައްޔާރުވި އެވެ. ބާތު ޓަބަށް ހޫނު ފެން އަޅައި، އޭގެ ތެރެއަށް އެރުނެވެ. އަދި އިންޓަނެޓުން ލިބުނު މައުލޫމާތުގައި ބުނާ ގޮތްތައް ހަދަމުން ދިޔަ އެވެ.
ހާސްވެ ކަންބޮޑުވެގެން އުޅެން ވަގުތެއް ނެތް ކަމަށާއި އަމިއްލައަށް ހުރިހާ ކަމެއް ކުރަން އަޒުމު ކަނޑައަޅައި ހަމަޖެހުމުން ހުރިހާ ކަމެއް ވެސް ދިޔައީ ބަރާބަރަށް ކަމަށް ފްރީމަން ބުނެފައިވެ އެވެ.
އެކަމަކު އަނެއް ދުވަހު ދަރިފުޅު ގޮވައިގެން ފުރަން ދިއުމުން އެއީ ފްރީމަންގެ ދަރިއެއްކަން ކަށަވަރުކޮށްދޭން ވަރަށް ގިނަ މަސައްކަތްކުރަން ޖެހުނު ކަމަށް އޭނާ ބުނެފައިވެ އެވެ. އެއާ އެކު އެ ވާހަކަ ތުރުކީގެ ނޫސްތަކާ ހިސާބަށް ވެސް ދިޔައީ އެވެ.
ފްރީމަން ބުނީ އަމިއްލަ އަށް މި ހުރިހާ ކަމެއް ކާމިޔާބުކަމާ އެކު ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށާއި ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށެވެ.