28 އެޕްރީލް 2018 - 22:44

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަނެއްކާ ވެސް އަތުވެއްޖެ އެވެ.
އޭނާ ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މި ފަހަރު ޝިލްޕާ ޗުއްޓީ ހޭދަކުރަނީ ކަނުހުރާ ރިސޯޓްގަ އެވެ. އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިސްޓަގްރާމްގައި އޭނާ ހިއްސާފައިކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ޝިލްޕާ މި ފަހަރު ވެސް ރާއްޖެ އައީ ފިރިމީހާ ރާޖް ކުންދްރާ އާއި ފަސް އަހަރުގެ ދަރިފުޅު ވިއާން ރާޖް ކުންދްރާއާ އެކުގަ އެވެ.
ދާދި ފަހުން ސޮނީ ޗެނެލުން ނިންމައިލި ޑާންސް ރިއަލިޓީ ޝޯ "ސްޕަ ޑާންސް" ޗެޕްޓަ 2 އަށް ފަހު، ޝިލްޕާ މިހާރު ތައްޔާރުވަމުން އަންނަނީ އެމެޒޯން ޕްރައިމުން ގެނެސްދޭ ޑޭޓިން ޝޯއެއް ހޯސްޓް ކުރުމަށެވެ. އަދި ސްޓްރީމް ކުރަން ފަށާނެ ދުވަހެއް އިއުލާންކޮށްފައި ނުވާ، ޝޯގެ ނަމަކީ "ލަވް މީ، ހިއާ މީ" އެވެ.
ފިލްމް "ބާޒީގަރް" އިން 1993 ގައި ބޮލީވުޑަށް ނިކުތް ޝިލްޕާ ވަނީ ރީތި ފިލްމްތަކެއް ކުޅެފަ އެވެ. އެކަމަކު ބެލުންތެރިން އެންމެ ގަޔާވި އޭނާގެ ފިލްމަކީ 2000 ގައި ރިލީޒް ކުރި "ދަޅްކަން" އެވެ. މިހާރު ފިލްމް ކުޅުމާ ދުރުގައި ހުރި 42 އަހަރުގެ ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2007 ގެ "އަޕްނޭ" އެވެ.
އޭނާ އެންމެ ފަހުން ސްކްރީނުން ފެނުނީ އަމިއްލަ ޕްރޮޑިއުސްކޮށް 2014 ގެ ނެރުނު ފިލްމް "ޑިޝްކިޔާއޫ" ގެ ލަވައަކުންނެވެ.
ޝިލްޕާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އަބަދު ވެސް އެންމެ ލޫޅާފަތިކޮށް ހުންނަ އެއް ބަތަލާ އެވެ. އޭނާ ރާޖްއާ ކައިވެނި ކުރީ 2009 ގަ އެވެ.