28 އެޕްރީލް 2018 - 16:04

ރިޔާޒް (އެޕްރީލް 28) - ޔަމަނުގެ ވެރިރަށް ސަންއާ އަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި ދެ ކޮމާންޑަރުން ހިމެނޭ ގޮތަށް ހޫތީންގެ 38 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ސައުދީގެ ރަސްމީ ޓީވީން ބުނެފި އެވެ.
ސައުދީ ސަރުކާރުގެ އަލް އަޚްބާރިއްޔާ ޓީވީން ބުނީ މަރާލާފައި ވަނީ ހޫތީންގެ ވަރަށް މަތީ ދެ ކޮމާންޑަރުން ކަމަށެވެ. އެ ގައުމުގެ އަލް އަރަބިއްޔާ ޓީވީން ބުނީ ވައިގެ ހަމަލާތަކުގައި 38 މީހުން މަރުވެފައި ވަނީ ހޫތީންގެ ދާޚިލީ ވުޒާރާ އަށް ދިން ހަމަލާތަކުގައި ކަމަށެވެ. އަދި އެ އިމާރާތާ ޖެހިގެން ހުންނަ ފުލުހުންގެ އިމާރާތަކަށް ވެސް ވައިގެ ހަމަލާ ދިން ކަމަށް ބުނެފައިވެ އެވެ.
ވެރިރަށް ސަންއާ އަށް ވައިގެ ހަމަލާ ދިން ކަމަށް ހޫތީން ވެސް ބުނެފައިވެ އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ކޮމާންޑަރުންގެ ޖަނާޒާ މިއަދު ވަނީ ބާއްވައިފަ އެވެ.
އަނެއްކޮޅުން ސައުދީގެ ދެކުނުގެ ޖަޒާން ޕްރޮވިންސަށް ހޫތީން ފޮނުވާލި ހަތަރު މިސައިލް ވައްޓާލާފައިވާ ކަމަށް ސައުދީގެ ވައިގެ ސިފައިން ބުނެފައިވެ އެވެ. ހޫތީން ހިންގާ ސަބާ ނިއުސް އެޖެންސީން ބުނީ ޖަޒާންގެ އިގްތިސާދީ ތަންތަނަށް އަމާޒުކޮށް އަށް މިސައިލް ފޮނުވާލި ކަމަށެވެ.
ހޫތީންނާ ދެކޮޅަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ.