28 އެޕްރީލް 2018 - 16:30

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ފަހު ވަގުތު ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަށް ފަހު، ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މިހާރު އޮތް ހާލަތުން އިންތިޚާބުގައި ވާދަކުރައްވަން ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެންމެ ފަހު ވަގުތު ލިބިވަޑައިގަންނަވާ އެ ފުރުސަތުގައި ވާދަކުރައްވައި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް. އެކަން ދެމިގެންދާނެ އެންމެ ފަހު ވަގުތާ ހަމައަށް. އެކަމަކު އެންމެ ފަހުން ނިންމާނެ އަޅުގަނޑަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް. މި އުއްމީދު ކުރަނީ ވެސް އެ އިންތިޚާބު ވެސް އަނެއްކާ ވެސް ކާމިޔާބު ކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ވަނީ ބަންދުވެފަ އެވެ.
ނަޝީދު ޖަލަށް ލުމަށް މާޗް 13، 2015 ގައި ހުކުމް ކޮށްފައި ވިޔަސް، މިހާތަނަށް އެ މަނިކުފާނު ތަންފީޒު ކުރައްވާފައި ވަނީ ހުކުމްގެ ވަރަށް ކުރު މުއްދަތެކެވެ. ހުކުމް ކުރިތާ 10 މަހާއި ތިން ދުވަސް ފަހުން، ޖެނުއަރީ 18، 2016 ގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި ގޮތަށް އުޅުއްވަމުން އެ ގެންދަވަނީ ރާއްޖޭން ބޭރުގަ އެވެ.
ޓީސީއެމްއޯއެލްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ވެސް ގޮންޖެހުންތަކާ އެކު ކަމަށެވެ. އެ ފަހަރު އެންމެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރެއް ގާއިމްކުރުމަށް ފަހު، ދެން ވެސް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އެމަނިކުފަނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2008 ގެ އިންތިޚާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވުމަކީ، ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެކެވެ.
ރާއްޖޭގައި ހިނގާ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަންތައްތަކުން ހިތް ކުދިކުދިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާއި ކޮށްފައިވާ ހުކުމް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް ބަލައެއް ނުގަނެ އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ވަނީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވެން ވާނެ ކަމަށް ވެސް ބުނެފަ އެވެ.
ރިޔާސީ އިންތިޚާބަށް ފަސް މަސް ވެފައިވާއިރު، އެ އިންތިޚާބުގައި އިދިކޮޅުން ވާދަކުރާނެ ކެންޑިޑޭޓެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެއްބައިވަންތަ ސަރުކާރެއް ގާއިމްކުރަން ނިންމައިފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކު ނެރޭނެ ކަަމަށް ވަނީ ބުނެފަ އެވެ. ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ.