ޝްރަދާ ކައިވެނިކުރާނެ މީހަކު ދައްކާނީ އަހަންނެއްނޫން: ޝަކްތީ ކަޕޫރް
ޝްރަދާ ކައިވެނިކުރާނެ މީހަކު ދައްކާނީ އަހަންނެއްނޫން: ޝަކްތީ ކަޕޫރް

ބަތަލާ ޝްރަދާ ކަޕޫރް ކައިވެނި ކުރާނީ އޭނާ ލޯބިވެގެން ކައިވެނިކުރަން ބޭނުންވާ މީހަކާ ކަމަށާއި ދަރިފުޅު އިންނާނެ މީހަކު މައިންބަފައިން ހޯދުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް ޝަކްތީ ކަޕޫރް ބުނެފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމް "ދަ ޖާނީ އޮފް ކަރްމާ" ގެ ޕޯސްޓަރު ރިލީޒް ކުރަން ބޭއްވި ހަފުލާގައި ނޫސްވެރިން، ދަރިފުޅު ޝްރަދާގެ ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝަކްތީ ބުނީ ދަރިން ކައިވެނިކޮށް، ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅޭ ތަން ދެކެން ބޭނުންވާ ކަމަށެވެ.

"އެކަމަކު ޝްރަދާ ވެސް ކައިވެނި ކުރާނީ އޭނާގެ ލޯބިވެގެން ކައިވެނި ކުރަން ބޭނުންވާ މީހަކާ. މި ޒަމާނަކީ މައިންބަފައިން ދައްކާ މީހަކާ ކުދިން ކައިވެނިކުރާ ޒަމާނެއް ވެސް ނޫން. އެކަން އަހަރެން ގަބޫލެއް ކުރަން،" ގިނަ އަދަދެއްގެ ފިލްމްތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އެ މީހަކު ލޯބިވާ މީހަކާ ކައިވެނި ކުރުމުގެ ހައްގާއި ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ. ޝްރަދާ ވަކި މީހަކާ ކައިވެނި ކުރާކަށް އާއިލާގެ އެއްވެސް ނުފޫޒެއް ނޯންނާނެ."

ޝަކްތީ ބުނި ގޮތުގައި ދަރިންގެ ޒާތީ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު އެ މީހުންނަށް އޮންނަން ޖެހޭނެ އެވެ. އަދި އެ މިނިވަންކަން އޭނާގެ ދަރިންނަށް އަބަދު ވެސް އޮންނާނެ ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ ޝްރަދާ ވެސް މީހަކާ އިންނަން ބޭނުންވީމަ އެ، ވަގުތު އައިމަ އޭނަ އެކަން ކުރާނެ ކަމަށް،" 31 އަހަރުގެ ދަރިފުޅާ ބެހޭ ގޮތުން ޝަކްތީ، 65، ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ވަގުތު ކައިވެންޏަކާ ދޭތެރޭ ޝްރަދާގެ އެއްވެސް ވިސްނުމެއް ހުރި ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

"ފިލްމީ މަސައްކަތުގައި އޭނަ ވަރަށް ބިޒީ. ޝްރަދާގެ ހުރިހާ ފޯކަސްއެއް މިހާރު ހުރީ ކެރިއަރަށް،" ޝަކްތީ ބުންޏެވެ. "އަހަރެން ވަރަށް ފަހުރުވެރިވަން އޭނަ އަށް މިއަދު އާދެވިފައި ހުރި ހިސާބާ ދޭތެރޭ."

ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އަދި ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްރަދާއަކީ ވަރަށް ތަފާތު ވައްތަރުގެ ފިލްމްތައް ކުޅެގެން ބެލުންތެރިންނަށް އޭނާގެ ހުނަރު ދައްކައި ދީފައިވާ ބަތަލާއެއް ކަމަށް ޝަކްތީ ބުންޏެވެ.

ޝްރަދާއަކީ ޝަކްތީގެ ދެ ދަރިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮށީ ފިރިހެން ދަރިފުޅު ސިދާންތު ކަޕޫރް، 33، އަކީ ބައްޕަ ޝަކްތީ ގޮތަށް ފިލްމްތަކުގައި ސަޕޯޓިން ރޯލްތައް އަދި ނުބައިބައި ރޯލް ކުޅެމުން އަންނަ އެކްޓަރެކެވެ.

"އޭކް ވިލަން" އާއި "އޭބީސީޑީ 2" ފަދަ ފިލްމްތައް ކުޅެފައިވާ ޝްރަދާގެ ކައިވެންޏާ ބެހޭ ގޮތުން ޝަކްތީ ވާހަކަ ދެއްކި އިރު، ދެ އެކްޓަރަކާ ލޯބީގެ ގުޅުންތަކެއް އޭނާ ބޭއްވި ކަމަށް އަޑު އަރާފައިވެ އެވެ. "އާޝިގީ 2" ގެ ބަތަލު އަދިތިޔާ ރޯއި ކަޕޫރާއި "ރޮކް އޮން 2" ބަތަލު ފަރްހާން އަހްތަރާ އެވެ.

މިދިޔަ އަހަރު ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުހޯދުނު "ހަސީނާ ޕަރްކާރް" އަށް ފަހު، ޝްރަދާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ޕްރަބާސްއާ އެކު ކުޅޭ "ސާހޯ"، ޝާހިދު ކަޕޫރާ އެކު ކުޅޭ "ބައްޓީ ގުލް މީޓަރު ޗާލޫ" އަދި ރާޖްކުމާރް ރާއޯއާ އެކު ކުޅޭ "ސްޓްރީ" ހިމެނެ އެވެ.