ހުޅުމާލޭގައި ތިން ތަނަކުން ވައްކަންކޮށްފި
ހުޅުމާލޭގައި ތިން ތަނަކުން ވައްކަންކޮށްފި

ހުޅުމާލޭގައި އޮފީހެއްގެ ތިޖޫރީ ފަޅާލަން އުޅުނު ބަޔަކު ހައްޔަރުކުރިތާ އެއް ދުވަސް ފަހުން، ރޭ ވެސް ތިން ތަނަކުން ވައްކަންކޮށްގެން ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ މާޓަކާއި ސެލޫނަކުން ވައްކަންކޮށްފައި ވާތީ މިއަދު ހެނދުނު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެހެންވެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ވައްކަން ކޮށްފައި ވަނީ އެ ތަންތަން ފަޅާލައިގެން ކަމެއް ނުވަތަ އެހެން ގޮތަކުން ކަމެއް ފުލުހުން ނުބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވައްކަމާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ވައްކަން ކޮށްފައި ވަނީ ސެންޓްރަލް ޕާކު ކައިރީގައި ހުންނަ ތިން ތަނަކުން ކަމަށާއި އެ ހުރިހާ ތަނަކުން ވެސް ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެ ތިން ތަނުން ވެސް ކޮންމެވެސް ވަރަކަށް ފައިިސާ ގެންގޮސްފައިވޭ. އެ މައްސަލަ އިތުރަށް ބަލަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ އޮފީހެއްގެ ތިޖޫރީ ފަޅާލަން ދެ މީހަކު މަސައްކަތްކުރަމުން ދަނިކޮށް އިއްޔެ ރޭ ހައްޔަރުކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. އަދި މިދިޔަ ހަފުތާގައި މާލޭގައި ވަނީ މީހެއްގެ މޫނަށް ޕެޕަސްޕްރޭ ޖެހުމަށް ފަހު މިލިއަނެއްހާ ރުފިޔާ ފޭރިގެންފަ އެވެ. އޭގެ ކުރިން ވެސް ހަމަ މިގޮތަށް މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވެ އެވެ.