29 އެޕްރީލް 2018 - 06:46

ސްވިޓްޒްލެންޑްގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ކަނޑައަޅާފައިވާ އެމްބެސެޑަރެއް ކަމަށްވާ، ބޮލީވުޑްގެ ތަރި ރަންވީރް ސިންގަށް ނިސްބަތްކޮށް އެ ގައުމުގެ ރޭލަކަށް ނަން ދީފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނަކީ މިހާރު ވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ޓޫރިޒަމް އިޝްތިހާރު ކުރަން ހާއްސަކޮށްފައިވާ އެމްބެސެޑަރުންނެވެ.
ސްވިޓްޒަލެންޑަކީ ބޮލީވުޑާ އަބަދު ވެސް ވަރަށް ރައްޓެހި ގައުމެކެވެ. ގުދުރަތީ ގޮތުން ވަރަށް ހިތްގައިމު މާހައުލެއް ލިބިފައި އޮންނަ ސްވިޓްޒަލެންޑުގެ ސްނޯތަކުން ޖަރީވެފައިވާ ފަރުދަބަދަތަކާއި ފެހިކަން ގަދަ ވާދީތަކުގައި މަންޒަރުތައް ނަގާފައިވާ ބޮލީވުޑްގެ ފިލްމްތައް ގިނަ އެވެ.
ސްވިޓްޒަލެންޑް ޓޫރިޒަމް އެންޑް ސްވިސް ޓްރެވެލް ސިސްޓަމުން ވަނީ "ރަންވީރް އޮން ޓުއާ" ގެ ނަމުގައި ރޭލަކަށް ނަން ދީފަ އެވެ.
ރަންވީރަށް ސަޕޯޓް ކުރާ މީހުން ސްވިޓްޒަލެންޑްގައި ވަރަށް ގިނަ އެވެ. އެ ގައުމުގެ ޓޫރިޒަމް އެމްބެސެޑަރަކަށް އޭނާ ހަމަޖެއްސީ ވެސް އެ ސަބަބާ ހުރެ އެވެ.
ދޭތެރެ ދޭތެރެއިން ރަންވީރް އެ ގައުމަށް ދަތުރުކޮށް ފޮޓޯތަކާއި ވީޑިއޯތައް އިސްޓަގްރާމްގައި އާންމު ކުރެ އެވެ. އެގޮތުން ޝާހްރުކް ހާނާއި ޖޫހީ ޗާވްލާ ލީޑް ރޯލް ކުޅުނު 1993 ގެ ފިލްމް "ޑަރް" ގެ ލަވަ "ތޫ މޭރޭ ސާމްނޭ" ގައި ޝާހްރުކް ލައިގެން ހުންނަ ކަހަލަ ގަމީހެއް ލައިގެން ސްނޯމަތީގައި ރަންބީރް ނަށާ ތަން ދައްކުވައިދޭ ވީޑިއޯ ވަރަށް މަގުބޫލެވެ.
"ޑަރް" ޑައިރެކްޓް ކުރި އަދި 2012 ގައި މަރުވެފައިވާ ޔާޝް ޗޯޕްޅާގެ ވަރަށް ގިނަ ފިލްމްތައް ސްވިޓްޒަލެންޑްގައި ޝޫޓްކޮށްފައިވެ އެވެ. އެހެންވެ އެ ގައުމުން ވަނީ އޭނާގެ ހަނދާނުގައި ކުރްސާލް ގާޑަންގައި 2016 ވަނަ އަހަރު ސްޓެޗޫއެއް ވެސް ބަހައްޓައިފަ އެވެ.