ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި ތަމްރީން ހަދަނީ
ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި ތަމްރީން ހަދަނީ

ލޯންގް ޖަމްޕުގެ ދުނިޔޭގެ ޗެމްޕިއަން ސާބިއާގެ ކުޅަދާނަ އެތުލީޓް އިވާނާ ސްޕަނޯވިޗް މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ އަށް ފެނުނީ ހުޅުމާލޭގައި ހަދަމުންދިޔަ އެތުލެޓިކްސް ޓްރެކް އެވެ. އެ ހިސާބުން އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށެވެ. އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އޭނާ އަށް އެ ފުރުސަތު ފަހިކޮށްދިންއިރު، މިހާރު އޭނާ އަންނަނީ ހުޅުމާލޭ ޓްރެކުގައި ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.

ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި ތަމްރީން ހަދަނީ
ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި ތަމްރީން ހަދަނީ

"މިއީ އަހަރެން މިތަނަށް (ރާއްޖެ) އަށް ޓްރެއިނިން ކޭމްޕަށް އައި ފުރަތަމަ ފަހަރު. މީގެ ކުރިން އަހަރެން ރާއްޖެ އަންނަނީ ދިގު ސީޒަނަކަށް ފަހު ޗުއްޓީ އަށް. ވަރަށް އުފާވި (އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން މި ފުރުސަތު ފަހި ކޮށްދިނީމަ،" މީގެ ހަފްތާއެއް ކުރިން ޓްރެއިނިން ފެށި އިވާނާ ބުންޏެވެ.

ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި ތަމްރީން ހަދަނީ
ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި ތަމްރީން ހަދަނީ

އުމުރުން 27 އަހަރުގެ އިވާނާ އާއި އޭނާގެ ކޯޗު ގޯރާން އޮބްރަޑޯވިޗް ރާއްޖެ އައިސް ތަމްރީންތައް ފުރިހަމަ ކުރަމުންދަނީ އިންޑޯ ސީޒަން ނިންމާލުމަށް ފަހު އެވެެ. އިވާނާ އަކީ އިންޑޯ އާއި އައުޓްޑޯ އިވެންޓުތަކުގައި ވެސް ކާމިޔާބު އެތުލީޓެކެވެ. މީގެ އިތުރުން އޭނާ އަކީ ރެޑްބުލް އެތުލީޓެކެވެ.

އިވާނާ ޓްރެއިނިން އަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ކޮށްދިނުގެ ގޮތުން އެތުލެޓިކް އެސޯސިއޭޝަން އާއި ޔޫތު މިނިސްޓްރީން ވަނީ ޓްރެކުގައި ހުރި ލޯންގް ޖަމްޕް ޕިޓް ވަނީ ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދީފަ އެވެ. އެކަން އިވާނާ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެން މިއައީ އިންޑޯ ސީޒަން ނިންމާލާފައި މިހާރު މި ފަރިތަކުރަނީ އައުޓްޑޯ އަށް. މިއީ އެކަމަށް ވަރަށް ރަނގަޅު މާހައުލެއް. ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި މިހުރީ. މި ޓްރެކާއި ޕިޓް (ލޯންގް ޖަމްޕް ޕިޓް) ވެސް ވަރަށް ފުރިހަމަ،" އިވާނާ ބުންޏެވެ.

ރާއްޖޭގެ އެތުލީޓުން ބޭރު މުބާރާތްތަކުގައި މީގެ ކުރިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި އޮތީ ރާއްޖޭން ބޭރުން ލިބޭ ފެންވަރު ރަނގަޅު ތަމްރީންތަކެވެ. ރާއްޖޭގައި ރަނގަޅު ސިންތަޓިކް ޓްރެކެއް ނެތުމުގެ ސަބަބުން އެތުލީޓުންނަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި އޮތެވެ. އެހެން ނަމަވެސް މިހާރު މި އޮތް ޓްރެކާ އެކު ކުޅުންތެރިންނަށް ލުއި ފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ.

"ވަސީލަތްތަކަކީ އެންމެ މުހިއްމު އެއް ކަަމަކީ ކޮންމެ ކުޅިވަރެއްގައި ވެސް. އަހަރެން އެތުލެޓިކްސް އިން ކުރިއަށްދާން އަމިއްލަ ގައުމު ސާބިއާގައި ފެށިއިރު އަހަންނަށް ވެސް ނެތް ޓްރެކެއް ލިބިފައި. އަހަރެން އެހެން ސިޓީ އަކަށް ބަދަލުވީމަ ރަނގަޅު ޓްރެކެއް ލިބުނީ. އެ އަށް ފަހު އަހަންނަށް ކޮންމެ ދުވަހަކު ޓްރެއިން ކުރުމުގެ ފުރުސަތު ލިބުނީ. އެ ހިސާބުން އަހަރެންގެ ކާމިޔާބީ ފެށުނީ،" އިވާނާ އޭނާގެ ކެރިއަރު ފެށުނު ގޮތް ކިޔައިދިނެވެ.

"މި ކަހަލަ ވަސީލަތްތަކަކީ ކުޅުންތެރިންގެ ކާމިޔާބީ ފަހަތުގައި އޮންނަ އެންމެ ބޮޑު އެއް ސިއްރު. މީގެ ސަބަބުން ތަފާތު ފެންނާނެ ކުޅުންތެރިންގެ ނަތީޖާތަކުން."

2008 ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް - ރަން މެޑަލް

2013 ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕް - ލޯ މެޑަލް

2015 ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕް - ރަން މެޑަލް

2015 ވޯލްޑް ޗެމްޕިއަންޝިޕް - ލޯ މެޑަލް

2016 ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕް - ރިހި މެޑަލް

2016 ޔޫރަޕިއަން ޗެމްޕިއަންޝިޕް - ރަން މެޑަލް

2016 އޮލިމްޕިކްސް - ލޯ މެޑަލް

2017 ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕް - ރަން މެޑަލް

2018 ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕް - ރަން މެޑަލް

އިވާނާ ބުނީ މުސްތަގުބަލުގައި ރާއްޖެ އަށް ދުނިޔޭގެ ފެންވަރުގެ އިތުރު އެތުލީޓުން ޓްރެއިނިން ފުރިހަމަ ކުރަން އަންނާނެ ކަމަށާއި ސަބަބަކީ އެތުލީޓަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް ރާއްޖޭގައި ފަހިވެފައިހުރުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް އަށް ވެސް ފައިދާކުރާނެ ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

"މިއީ ވަރަށް ހިތްގައިމު ގައުމެއް އަދި މޫސުމް ވެސް ވަރަށް ރަނގަޅަށް އޮތީ ޓްރެއިނިން އަށް ބަލާއިރު. މިއީ އަހަރެމެން އަމިއްލަ ގައުމުން ބޭރަށް ދާއިރު އެންމެ ބޭނުންވާ ކަންތައް. ހަމަގައިމުވެސް މިއީ ރަނގަޅު ގައުމެއް ޓްރެއިނިން އަށް ދުނިޔޭގެ ފެންވަރުގެ އެތުލީޓުން އައިސް ތަމްރީން ހަދަން ހަމަ އެންމެ ރަނގަޅު. އުއްމީދަކީ މުސްތަގުބަލުގައި ގިނަ އެތުލީޓުން އައުން. ޔަގީނުން ވެސް އަހަރެން އަދި އެތަކެއް ފަހަރު އަންނާނަން،" އިވާނާ ބުންޏެވެ.

އިވާނާ އޭނާގެ ޓްރެއިނިން ފުރިހަމަ ކުރަމުންދިޔައިރު، ޓްރެކުގެ އަނެއް ފަޅީގައި ރާއްޖޭގެ ގައުމީ އެތުލީޓުން ދިޔައީ ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. އިވާނާ އަށް އެ މަންޒަރުތައް ކޮންމެ ދުވަހަކު ފެނެ އެވެ. އޭނާ ބުނީ އެތުލީޓަކަށް ކާމިޔާބާ ހަމަޔަށް ދެވެނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށެވެ.

"ރަނގަޅު އެއް އެތުލީޓަކަށް ވެސް ބޭނުންވޭ އެންމެންގެ ސަޕޯޓް. ވަރަށް ރަނގަޅު ކޯޗުން ވެސް. އަހަންނަށް ފެނޭ މި ތަނުގައި އެތުލީޓުން ކޮންމެ ދުވަހަކު ޓްރެއިނިން ހަދާތަން. ކޯޗުންނާ ވާހަކަ ދައްކާތަން. މި ޓީމުގައި ހުރި ކޯޗު އަހަރެން ދެކޭ ގޮތުގައި ރަނގަޅު. އެ އެތުލީޓުން ހިތްވަރު ކޮށްފިނަމަ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ،" އޭނާ ބުންޏެވެ.

އިވާނާ އޭނާގެ ޓްރެއިނިން ފުރިހަމަ ކުރުމަށް ފަހު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.