28 އެޕްރީލް 2018 - 06:41

ފުޖައިރާ، ޔޫއޭއީ (އޭޕްރިލް 28) – ޔޫއޭއީގެ ފުރަތަމަ ޑިވިޝަނަށް އަލް ފުޖައިރާ އަރުވައިނުދެވުމުން އެ ޓީމުގެ ކޯޗު އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ވަޒީފާ ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ މޭ މަހު އެ ކްލަބާ ހަވާލުވި މަރަޑޯނާއާ އެކު، ފުޖައިރާ ދެ ވަނަ ޑިވިޝަން ނިންމާލީ ތިން ވަނައިގަ އޮވެ އެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ ގަދަ ދެ ޓީމެވެ.
މީގެ ކުރިން ޔޫއޭއީގެ އަލް ވަސްލް އަށް ވެސް ކޯޗުކޮށްދިން މަރަޑޯނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. އޭނާ އަށް އާޖެންޓީނާގެ ގައުމީ ކޯޗުކަން 2008 އިން 2010 އަށް ލިބުނު ނަމަވެސް، މާބޮޑު ކަމެއް ނުކުރެވުނެވެ. އެގޮތުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ އެކު ފޭވަރިޓުންގެ ގޮތުގައި ނުކުމެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ކެޓީ އެވެ.
އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަނަކީ ހުނަރުގެ ގޮތުން ބަލާއިރު، މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރެއިން ގިނަ ބަޔަކު ޖާގަ ދޭ ކުޅުންތެރިޔެކެވެ. އެކަމަކު އަހުލާގީ މައްސަލަތަކާއި މާބޮޑަށް ކަންކަމަށް ފާޑުކިޔާތީއާ ވެސް އެކު އޭނާ ބައެއް ފަހަރު ހުންނަނީ ބާކީވެފަ އެވެ.