28 އެޕްރީލް 2018 - 06:30

މެޑްރިޑް (އޭޕްރިލް 28) – ކުރިމަގާ ބެހޭގޮތުން އެތުލެޓިކޯ މެޑްރިޑާ މަޝްވަރާކުރަމުން އަންނަ ކަމަށް އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރިޒްމަން ބުނެފި އެވެ.
ޔޫރަޕުގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެއް ފޯވާޑް ގެންދިއުމަށް އެހެން ބައެއް ކްލަބްތަކުން ޝައުގުވެރިވާއިރު އޭގެ ތެރޭގައި ބާސެލޯނާ ހިމެނޭ ކަމަށްވެ އެވެ. އަދި ގްރިޒްމަން ކްލަބް ދޫކޮށްލާނެ ކަމަށް ބަލައި އެތުލެޓިކޯ އިން ބަދަލުގައި ކުޅުންތެރިޔަކު ގެންނަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށްވެ އެވެ.
"އަހަރެންގެ ކުރިމަގާ މެދު އަހަންނަށް ޔަގީންކަމެއް ނެތް. އަހަރެންގެ އޭޖެންޓާއި އަހަރެން މި އަންނަނީ ކްލަބާ އެކު މަޝްވަރާތައް ބާއްވަމުން. އަހަރެމެން ޖެހޭނީ އެ ވާހަކަތަކުގެ ނިމުން އަންނާނެ ގޮތެއް ބަލަން މަޑުކުރަން،" ގްރިޒްމަން ބުންޏެވެ.
ގްރިޒްމަން ބުނީ އެތުލެޓިކޯ މެޑްރިޑާ މެދު އޭނާ ގަޔާވާ ކަމަށެވެ. އަދި ދަނޑުމަތީގައި އޭނާގެ މަސައްކަތުގެ ރޭޓުން އެކަން ފެންނާނެ ކަމަށް އުއްމީީދުކުރާ ކަމަށް ބުންޏެވެ.
ރިޕޯޓްކޮށްފައިވާ ގޮތުގައި އެތުލެޓިކޯ މެޑްރިޑާ އެކު ގްރިޒްމަން ހަދާފައިވާ ކޮންޓްރެކްޓުގައި ބުނާ ގޮތުން 100 މިލިއަން ޔޫރޯގެ އަގެއް ދީފި ނަމަ އެ ކްލަބުން އޭނާ ދޫކޮށްލަން ޖެހެ އެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާގެ އަގުތަކަށް ބަލާއިރު ނިސްބަތުން ބޮޑު އަދަދެއް ނޫނެވެ.
ގްރިޒްމަން ގޮސްފި ނަމަ ބަދަލުގައި އެތުލެޓިކޯ އިން ގެންނާނީ ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ކަމަށްވެ އެވެ. އޭނާއާ އެކު ކްލަބުން އެއްބަސްވެފައިވާ ކަމަށް ވެސް ވާހަކަތައް ވަނީ ދެކެވިފަ އެވެ.