މިސައިލް ޓެސްޓްތަކުން ނިދި ޚަރާބު ކުރެވުނީތީ ކިމް މައާފަށް އެދިއްޖެ
މިސައިލް ޓެސްޓްތަކުން ނިދި ޚަރާބު ކުރެވުނީތީ ކިމް މައާފަށް އެދިއްޖެ

ޕަންމުންޖޮމް (އެޕްރީލް 28) - ނިއުކްލިއާ މިސައިލް ޓެސްޓްތަކާ ގުޅިގެން ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންގެ ނިދި ޚަރަބު ކޮށްލެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.

"ނޯތު ކޮރެއާގެ މިސައިލް ޓެސްޓްތަކާ ގުޅިގެން (ރައީސް މޫން) އަވަރާފުޅުން އަވަހަށް ތެދުވެވަޑައިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަށް އެތައް ފަހަރަކު ވަޑައިގެންނެވި ވާހަކަ އަޑު އެހިން. އެކަމަކު އަޅުގަނޑު ޔަގީންކަން ދެން މީގެ ފަހުން މަނިކުފާނުގެ ހެނދުނުގެ އަރާމް ނިދި ޚަރަބުވާން ނުޖެހޭނެކަން،" ދެ ކޮރެއާގެ ވެރިންގެ ސަމިޓްގައި ޖޯކް ޖައްސަވަމުން ކިމް ވިދާޅުވި އެވެ.

ރައްދުގައި ސައުތު ކޮރެއާގެ ރައީސް މޫން ވިދާޅުވީ "ދެން އަޅުގަނޑަށް ހަމަޖެހިލައިގެން ނިދާލެވޭނެ" ކަމަށެވެ.

ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ދެ ގައުމުން ވެސް ވަނީ ކޮރެއަން ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަނަކަށް ހަދަން އެއްބަސްވެފަ އެވެ. ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ކުރުން ހުއްޓާލިކަން ކިމް ވަނީ މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރައްވައިފަ އެވެ.

ކިމް އިއްޔެ ވަނީ 1953 ވަނަ އަހަރުގެ ކޮރެއާ ހަނގުރާމަ އަށް ފަހު ސައުތު ކޮރެއާ އަށް ވަދެވަަޑަައިގެންނެވި ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރުގެ ޝަރަފް ހޯއްދަވައިފަ އެވެ.