28 އެޕްރީލް 2018 - 15:01

ޕިއޮންޔޮން (އެެޕްރީލް 28) - ދެ ކޮރެއާގެ ވެރިންގެ ސަމިޓަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ދެ ކޮރެއާ ގުޅޭ ބޯޑަރަށް އިއްޔެ ވަޑައިގެންނެވި އިރު އޭނާގެ ސެކިއުރިޓީ ވަރުގަދަކަން ފެންނާނެ އެވެ. ކަޅުކުލައިގެ ބެންޒުގައި ކިމް ވަޑައިގެންނެވި އިރު ކާރު ވަށާ މަޑުމަޑު ދުވުމެއްގައި ދާތަން އެ ފެނުނީ ކިމްގެ ބޮޑީގާޑުންނެވެ. އެއީ ފިޓްނަސް އާއި މާޝަލް އާޓްސްގެ ގޮތުން ނޯތު ކޮރެއާ އިން ނެގެން ތިބި އެންމެ ކުޅަދާނަ މީހުންނެވެ.

މެންދުރަށް ސަމިޓް މެދުކަނޑާލުމަށް ފަހު ކިމް ނޯތު ކޮރެއާއާވީ ފަޅިއަށް ވަޑައިގެންނެވި އިރު ބޮޑީ ގާޑުން ތިބީ ކާރު ވަށައިގެން އައްޑަނައެއްގެ ގޮތަށް އެތުރިފަ އެވެ. ކާރާ އެއްވަރަށް ބޮޑީ ގާޑުން ވެސް މަޑުދުވެއްޔެއްގައި ދުވަމުން ދިޔަ އެވެ.

ނޯތު ކޮރެއާގެ ލީޑަރަކީ ދުނިޔޭގެ ސެކިއުރިޓީ އެންމެ ވަރުގަދަ ވެރިންގެ ތެރޭން އެކަކެވެ. އޭނާއާ ބައްދަލު ކުރައްވަން ވަޑައިގަންނަވާ ބޭރުގެ މެހްމާނުން ވެސް ސެކިއުރިޓީ ޗެކިން އަށް އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެ އެވެ. ކިމްއާ ބައްދަލު ކުރުމުގެ ކުރިން އިލެކްޓްރޯނިކްސް ހުރިހާ އެއްޗެއް ސެކިއުރިޓީންނަށް ހަވާލު ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ފޯނު ވެސް ހިމެނެ އެވެ.

ދެ ކޮރެއާގެ ވެރިންގެ ސަމިޓް އިއްޔެ ނިމުނު އިރު ކިމް ވަޑައިގެންނެވި ކޮންމެ ތަނަކަށް އޭނާގެ ގާޑު ކޮމާންޑާއި ޕާސަނަލް ބޮޑީ ގާޑުން ކުރިން ވަދެ ޗެކްކޮށްފައިވެ އެވެ. އަދި ސިއްރުން އަޑު ރެކޯޑް ކުރާ އާލާތެއް ހަރުކޮށްފައިވޭތޯ ޗެކްކޮށްފައިވެ އެވެ. ކިމް އިށީނދެވަޑައިގަންނަވާ ކޮންމެ ގޮނޑިއަކަށް ސެނިޓައިޒާ ޖަހާ ސްޕްރޭކޮށްފައިވެ އެވެ.
ކިމްގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންގެ މިލިޓަރީ ޔުނިޓެއް ކަމަށްވާ ގާޑު ކޮމާންޑުންނެވެ. ނޯތު ކޮރެއާގެ ސިފައިންގެ ތެރޭގައި އުޅުމަށް ފަހު ފިލައިގެން ދިޔަ މީހަކު 2013 ވަނަ އަހަރު ލިޔުނު ލިޔުމެއްގައި ބުނެފައި ވަނީ ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް ގައުމުގެ ދުރު ހިސާބުތަކުގައިވާ އަސްކަރީ ޔުނިޓްތައް އިންސްޕެކްޓް ކުރަން ވަޑައިގަންނަވާ އިރު ސެކިއުރިޓީ ގާޑުން ހަ ފަށަލައަކަށް އެތުރިފައި ތިބޭ ކަމަށެވެ.
"އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ސެކިއުރިޓީ އޮންނަ ވެރިޔާ. އެންމެ ކުޑަ މިނުން ހިންޏެއް ވެސް އެ ސެކިއުރިޓީ ތެރޭން ދާން އުނދަގޫވާނެ،" އޭނާ ލިޔެފައިވެ އެވެ.
ކިމްގެ ސެކިއުރިޓީ އެއަށް ވުރެ ވަރުގަދަ ކަމަށްވެ އެވެ. ސައުތު ކޮރެއާގެ ރައީސްއާ އެކު ބޭއްވި ސަމިޓަށް ކިމް އިއްޔެ ވަޑައިގެންނެވި އިރު ކާރު ވަށައި ވީ އަކުރެއްގެ ބައްޓަމަށް ތިބި ސިފައިންގެ އިތުރުން މޮޓޯކޭޑް ދިޔަ މަގުގެ އެކި ހިސާބުތަކުގައި ވެސް ސިފައިން ދިޔައީ ފޯރިމަރަމުންނެވެ. ކޮރެއާ ސިފައިން އުފެދުނުތާ 70 އަހަރު ފުރުން ފާހަގަ ކުރަން ފެބްރުއަރީ މަހު ބޭއްވި ޕެރޭޑުގައި ވަނީ ކިމްގެ ސަލާމަތީ ގާޑުންގެ ތިން ޔުނިޓް ދައްކާލައިފަ އެވެ.