"ސްޓާ ޓްރެކް 4" އަށް ފުރަތަމަ ފަހަރަށް އަންހެން ޑައިރެކްޓަރެއް ހަމަޖައްސައިފި
"ސްޓާ ޓްރެކް 4" އަށް ފުރަތަމަ ފަހަރަށް އަންހެން ޑައިރެކްޓަރެއް ހަމަޖައްސައިފި

ސާޅީސް އެއް އަހަރުގެ ތާރީހެއް އޮތް ފިލްމް ސީރީޒް "ސްޓާ ޓްރެކް" ގެ ހަތަރު ވަނަ ފިލްމްގެ ޑައިރެކްޓަރަކަށް އަންހެން ޑައިރެކްޓަރަކު ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ލަސް ވެގަސްގައި މި މަހުގެ 23-26 އަށް ކުރިއަށް ގެންދިޔަ ސިނަމަކޮންގައި ޕެރަމައުންޓް ޕިކްޗާޒުން އިއުލާން ކުރި ގޮތުގައި "ސްޓާ ޓްރެކް" ގެ ހަތަރު ވަނަ ފިލްމް ޑައިރެކްޓް ކުރާނީ 2010 ގައި "ޓޯސްޓް" ގެނެސް ދިން އެސްޖޭ ކްލާކްސަން އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި "އޮރެންޖް އިޒް ދަ ނިއު ބްލެކް" އާއި "ބޭޓްސް މޯޓެލް" އަދި "ޖެސިކާ ޖޯންސް" ފަދަ ސިލްސިލާތައް ހިމެނެ އެވެ.،

ކްލާކްސަން "ސްޓާ ޓްރެކް 4" ގެ ޑައިރެކްޓަރަކަށް ހަމަޖެއްސި ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ޕެރަމައުންޓުން ހާމައެއް ނުކުރެ އެވެ.

އެކަމަކު "ސްޓާ ޓްރެކް" ގެ ހަތަރު ވަނަ ބައިގެ މުހިއްމު ރޯލަކުން ކްރިސް ހެމްސްވޯތު ފެނިގެން ދާނެކަން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ވަނީ 2009 ގައި "ސްޓާ ޓްރެކް" ރިބޫޓްގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.

މި ފަހަރު ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ ޖޭޑީ ޕޭން އާއި ޕެޓްރިކް މެކޭ އެވެ. ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި މި ސީރީޒްގެ ފިލްމްތަކުގައި ލިޔުންތެރިއެއް/ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވަމުން އަންނަ ޖޭޖޭ އަބްރަމް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސްޓާ ޓްރެކް 4" އަށް ފަހު، ޖޭޖޭ އާއި މަޝްހޫރު ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯ ވެސް ވަނީ މި ސީރީޒްގެ އިތުރު ފިލްމެއް ގެނެސް ދޭން ނިންމައިފަ އެވެ. ޓެރެންޓީނޯ މިހާރު މަސައްކަތް ކުރަމުން އަންނަނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޓޮމް ކްރޫޒް މުހިއްމު ރޯލްތައް ކުޅޭ ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގަ އެވެ.

"ސްޓާ ޓްރެކްގެ ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ 2016 ގަ އެވެ. އެއީ ޖަސްޓިން ލިން ޑައިރެކްޓް ކުރި "ބިޔޯންޑް" އެވެ. ޖުމްލަ 185 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސް ދިން ފިލްމަށް ބޮކްސް އޮފީހުގައި 343.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ސައިންސް ފިކްޝަން ވާހަކަތަކެއް ކިޔައިދޭ "ސްޓާ ޓްރެކް" ގެ ފިލްމެއް އެންމެ ފުރަތަމަ ސިނަމާ އަށް އައީ 1979 ގަ އެވެ.