28 އެޕްރީލް 2018 - 07:10

ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ޗެލެންޖިން ފިލްމަކީ މި އަހަރު ރިލީޒް ކުރާ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަ ވަނަ ފިލްމް "ފޯލް އައުޓް" ކަމަށް އެކްޓަރު ޓޮމް ކްރޫޒް ބުނެފި އެވެ.
އޭނާ 1996 އިން ފެށިގެން ގެނެސްދޭ މި ކާމިޔާބު ފްރެންޗައިޒްގެ ހަ ވަނަ ބައި ސިނަމާތަކަށް އަންނާނީ ޖުލައި 26 ގަ އެވެ.
ބުދަ ދުވަހު ލަސް ވެގަސްގައި އޮތް ސިނެމާކޮން އިވެންޓްގައި "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" ޕްރޮމޯޓް ކުރަމުން ކްރޫޒް ބުނީ މި ފަހަރުގެ ފިލްމަކީ ކުރިން އެކުގައި މަސައްކަތް ނުކުރާ ބައެއް ތަރިންނާ އެކު ކުޅެން ޖެހުނު ފިލްމެއް ކަމަށާއި ކުރިއަށް ވުރެ ވަރުގަދަ ސްޓަންޓްތަކާއި އެކްޝަންތައް ފިލްމުން ފެންނާނެ ދާނެ ކަމަށެވެ.
މި ފިލްމްގެ ޝޫޓިންގެ ތެރޭގައި ކްރޫޒް، 55، އުސް އިމާރާތެއް މަތިން އެހެން އިމާރާތެއްގެ މައްޗަށް ފުންމަނިކޮށް ކަކުލަށް ބޮޑު ހާނީއްކައެއް ވެސް ލިބުނެވެ.
ފިލްމްގެ ކާސްޓާ އަލަށް ކުޅުނު ތަރިންނާ ބެހޭ ގޮތުން ކްރޫޒް ބުނީ އެއީ ހުސް ހުނަރުވެރި މޮޅެތި އެކްޓަރުން ކަމަށެވެ. "މިޝަން އިމްޕޮސިބަލް" ގެ ފިލްމަކުން އަލަށް ފެނިގެންދާ ތަރިންގެ ތެރޭގައި މޭން އޮފް ސްޓީލް (2013) ގައި ސްޕަމޭންގެ ރޯލް ކުޅުނު ހެންރީ ކެވިލް އާއި މި އަހަރު ރިލީޒް ކުރި "ބްލެކް ޕެންތާ" ގެ ބަތަލާ އެންޖެލާ ބެޒޭ ހިމެނެ އެވެ.
"އެންޖެލާއަކީ ވަރަށް ވަރުގަދަ އާޓިސްޓެއް. އެކްޓިން އަށް އޭނަ ވަރަށް މޮޅު. ހެންރީއަކީ ޕްރޮފެޝަނަކަމުގެ ލާމަސީލު ނަމޫނާއެއް،" ކްރޫޒް ބުންޏެވެ. "އެހެންވީމާ މި މީހުންނާ އެކު މަސައްކަތްކޮށްލުމަކީ ވެސް ޗެލެންޖެއް. އެއީ ކުޑަ ކަމެއް ނޫން."
"މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރެބެކާ ފާގަސަން، އެލެކް ބޯލްޑްވިން، ސައިމަން ޕެގް، މިޝެލް މޮނަގަން އަދި ވެނެޒާ ކާބީ ހިމެނެ އެވެ.
ކްރިސްޓޯފާ މެކްކްއަރީ ޑައިރެކްޓްކުރި "މިޝަން އިމްޕޮސިބަލް" ގެ 5 ވަނަ ފިލްމް "ރޯގް ނޭޝަން" ސިނަމާތަކަށް އައީ 2015 ގަ އެވެ.