ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން
ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން

ބޮޑު ބައްޔެއްގެ ޝިކާރައަކަށްވުމަކީ ދިރިއުޅުމަށް ނިމުން އައުމެއް ނޫނެވެ. ބޭނުން ވަނީ ހިތްވަރާ އެކު، ދިރިއުޅުމާ ކުރިމަތިލުމެވެ. އިނގިރޭސިވިލާތުގެ، އުމުރުން 29 އަހަރުގެ މިއާ އޮސްޓިންއަކީ މީގެ މިސާލެކެވެ.

ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން
ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން

އޭނާ އެތައް ބަޔަކަށް ސާބިތުކޮށް މި ދިނީ ނުކުޅުންތެރި ކަމަކީ ނިމުމެއް ނޫން ކަމެވެ. އުމުރުން އެންމެ 21 އަހަރުގައި ޖެހުނު ވަރުގަދަ ސްޓްރޯކަކާ އެކު، މިއާއަކީ މިހާރު ހަރަކާތްތެރިވެ އުޅެވޭ މީހެއް ނޫނެވެ. އޭނާ އޮންނަނީ ތަންމަތީގެ އެވެ. ހަށިގަނޑު ގުނަވަންތަކުން ވާގި ނެތިފަ އެވެ. ތަންތަނަށް ގެންދަނީ ފުރޮޅުލީ ގޮނޑީގަ އެވެ.

ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން
ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން

ބައްޔަކީ ލޮކްޑް-އިން ސިންޑްރޯމެވެ. މިއީ ދުނިޔޭގައި އޮތަސް "މަރުވެފައި" އޮންނަ ފަދަ ހާލަތެކެވެ. މަސައްކަތް ކުރަނީ ހަމައެކަނި ހިއްސުތަކެވެ. ވާހަކައެއް ނުދެއްކެ އެވެ. ގުނަވަންތަކުގައި ބާރެއް ނުހުރެ އެވެ. ފެނެ އެވެ. އަޑު އިވެ އެވެ. އަދި ހަމަ އާދައިގެ މީހަކާ ވިސްނުން އެއްގޮތެވެ.

ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން
ފޮތެއް ލިޔުނީ ލޮލުގެ އިޝާރާތުން

މި ހާލަތުގައި އޮވެގެން މިއާ ފޮތެއް "ލިޔެގެން" އެތައް ބައެއްގެ ސަމާލުކަން ހޯދުމުގެ ކުރިން އޭނާ ވަނީ ވިރަލްގެ މެޓްރޮޕޮލިޓަން ކޮލެޖްގެ ކްރިމިނޮލޮޖީ ކޯހެއް ވެސް ފުރިހަމަކޮށްފަ އެވެ. އަދި އޯޕަން ޔުނިވަސިޓީގެ ފޮރެންސިން ކޯހެއް ވެސް ފުރިހަމަކޮށްފައިވާ މިއާގެ އަމާޒަކީ މި އަހަރު ކްރިމިނަލް ޖަސްޓިސް ދާއިރާގެ ކޯހެއް ވެސް ހެދުމެވެ.

މިއާ ފޮތް "ލިޔުނީ އާދަޔާހިލާފު ގޮތަކަށެވެ. ސްޕެލިން ޗާޓަކުން ލޮލުގެ އިޝާރާތުން ލަފުޒުތައް ތަރުތީބުކޮށްގެން ލިޔުނު ފޮތުގެ ނަމަކީ "އިން ދަ ބްލިންކް އޮފް އޭން އައި" އެވެ. މިއީ އަހަރު ދުވަހުގެ މަސައްކަތެވެ.

ފޮތުގެ ތައާރަފުގައި މިއާ ވަނީ އޭނާ އަށް ޖެހިފައިވާ ހާލާއި ފޮތް ލިޔަން ކުރި ބުރަ މަސައްކަތުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ. އަދި ފޮތުގައި، ސްޓްރޯކާއި އެ ނޫން ވެސް ސިއްހީ މައްސަލަތަކާ ބެހޭ ގޮތުން ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކަށް މިއާ ޖަވާބު ދީފައިވެ އެވެ.

މި ފޮތުގައި، ގައި ކުރު ވާހަކަތާއި ޅެން ވެސް ހިމަނާފައިވެ އެވެ. މި ފޮތް ވުޖޫދަށް ގެނައުމުގައި މިއާ އަށް އެންމެ ބޮޑު އެހީތެރި ކަމެއް ދިނީ އޭނާގެ ބޭބެ ސޭމް އޮސްޓިން، 32، އާއި އަންހެން ކޮއްކޮ ސޯފީ އޮސްޓިން، 25، އެވެ.

މިއާ ކިޔައި ދީފައިވާ ގޮތުގައި އޭނާ ނުކުޅެދޭ މީހަކަށް ބަދަލުވީ ކުއްލިއަކަށް ޖެހުނު ސްޓްރޯކެއްގަ އެވެ. އޭނާ ބުނި ގޮތުގައި ނުރައްކާތެރި ސްޓްރޯކް ޖެހުނު ދުވަހަކީ ހަމަ އާދައިގެ މަތިން ދިރިއުޅުމުގެ ކަންކަމާއިގެން ކުރިއަށް ދިޔަ ދުވަހެކެވެ. އާދައިގެ މަތިން އެ ދުވަހު އޭނާ ވޯކްއައުޓް ސެޝަނަކަށް ޖިމަށް ވެސް ދިޔަ އެވެ.

އެކަމަކު ނޮވެމްބަރު، 16، 2009 އަކީ މިއާގެ މުޅި ދިރިއުޅުން ބަނަކޮށްލި ދުވަހެވެ. ޖެހުނު ސްޓްރޯކާ އެކު، އޭނާގެ ފުރާނަ ސަލާމަތް ވާނެ ކަމުގެ އުންމީދު ވެސް ކަނޑާލި އެވެ. މިއާ އޮތީ ލައިފް ސަޕޯޓިން މެޝިނެއްގެ އެހީގަ އެވެ.

"ލޮކްޑް އިން ސިންޑްރޯމް" ގެ ޝިކާރައަކަށްވީ ސްޓްރޯކް ޖެހިފައި އޮއްވަ އެވެ.

މިއާގެ ބައްޕަ ރިކް އޮސްޓިން ބުނި ގޮތުގައި ދަރިފުޅާ ދޭތެރޭ އޭނާ މިއަދު ވަރަށް ފަހުރުވެރިވެ އެވެ. އަދި މިއާއަލި ބަލި މީހެއް ކަމަށް އެއްގޮތަކަށް ވެސް ނުދެކޭ ކަމަށް ބުންޏެވެ.

"އެ ހާލަތުގައި އޮވެގެން ފޮތެއް ލިޔުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުކެރެވޭނެ ކަހަލަ މަސައްކަތެއް،" އޭނާ ބުންޏެވެ. "މިއީ އެތައް ބައެއްގެ ލޯ ހުޅުވައި ދޭނެ މަސައްކަތެއްގެ ގޮތަށް އަހަރެން ދެކެނީ."