1915 ގެ އިޓަލީގެ ޗެމްޕިއަންކަން ލާޒިއޯ އަށް ދެނީ؟
1915 ގެ އިޓަލީގެ ޗެމްޕިއަންކަން ލާޒިއޯ އަށް ދެނީ؟

ރޯމް (ޖުލައި 22) - އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން 1914-1915 ގެ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ދޭނެ ޓީމެއް ކަނޑައެޅުމުގެ މަސައްކަތް ހާއްސަ ކޮމިޝަނަކާ ހަވާލުކޮށްފި އެވެ.

އެ ސީޒަނުގެ ޗެމްޕިއަން ޓީމުގެ ޝަރަފް ޖެނޯއާ އަށް ދީފައިވީ ނަމަވެސް ފައިނަލުގައި ލާޒިއޯ އާއި ޖެނޯއާ ކުޅޭން ހަމަޖެހިފައި އޮތް މެޗު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ އިޓަލީން ފުރަތަމަ ބޮޑު ހަނގުރާމައާ ގުޅުމުގެ ސަބަބުންނެވެ. އެ ސީޒަނުގެ ޗެމްޕިއަން ޓީމަކީ ޖެނޯއާ ކަމަށް ކަނޑައެޅީ 1919 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖެނޯއާ އަށް ޗެމްޕިއަންކަން ދިނީ އެދުވަސްވަރު ޖެނޯއާ އަކީ ވަރުގަދަ ޓީމަކަށްވެފައި އެ ޓީމު އެ މެޗުން މޮޅުވާނެ ކަމަށް ބަލައިފަ އެވެ.

އެކަމަކު ލާޒިއޯގެ 30،000 ސަޕޯޓަރުން ސޮއިކޮށް އިޓަލީ ފެޑެރޭޝަނަށް ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެން އިޓަލީ ފެޑެރޭޝަނުން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. އަދި ނިންމާ ގޮތެއް އަންނަ މަހުގެ 4 ވަނަ ދުވަހު ނިންމާނެ އެވެ.

ބެލެވޭ ގޮތުގައި ފެޑެރޭޝަނުން ނިންމާނީ، އެ ސީޒަނުގެ ޖޮއިން ޗެމްޕިއަންކަން ލާޒިއޯ އާއި ޖެނޯއާ އަށް ދޭގޮތަށެވެ. އެހެންވެއްޖެ ނަމަ ލާޒިއޯ އަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ލިބޭނެ އެވެ. އެހެންވެއްޖެ ނަމަ، ވާދަވެރި ރޯމާއާ އެއް އަދަދަކަށް ލާޒިއޯ އަށް ލީގު ޗެމްޕިއަންކަން ހަމަވާނެ އެވެ.

އެ ޓީމު މިހާތަނަށް އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވަނީ 1974 އަދި 2000 ވަނަ އަހަރު އެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު އަލެސަންސްރޯ ނެސްޓާ އާއި އާޖެންޓީނާގެ ހުއާން ސެބަސްޓިއަން ވެރޮން އާއި ޗެކް ރިޕަބްލިކުގެ ޕަވެން ނެޑްވަޑާއި އެތުލެޓިކޯ މެޑްރިޑުގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ރަންޒަމާނުގައި 2000 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި ފަހުން ލާޒިއޯ އަށް ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.