ކޯޓު އަމުރާ އެކު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވެސް މަގާމުން ދުރުކޮށްފި
ކޯޓު އަމުރާ އެކު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވެސް މަގާމުން ދުރުކޮށްފި

އިސްލާމްއާބާދު (އެޕްރީލް 27) - ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ނުހުރެވޭ ގޮތަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޚުވާޖާ މުހައްމަދު އާސިފް ކޯޓު އަމުރަކުން މަގާމުން ދުރުކޮށްފި އެވެ.

އިސްލާމްއާބާދު ހައި ކޯޓުގެ ތިން މެންބަރުންގެ ބެންޗަކުން އާސިފް މަގާމުން ދުރުކޮށްފައި ވަނީ މިނިސްޓަރުންގެ މާލީ ބަޔާން ޕާލަމެންޓަށް ހުށަހެޅި އިރު ބައެއް ބައިތައް މަދުވުމުންނެވެ. އާސިފް ވިދާޅުވެފައި ވަނީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ. މިއީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީ އަށް އަނެއްކާ ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުގައި ނަވާޒް ޝަރީފު ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން މި މަހު ކުރީކޮޅު ސުޕްރީމް ކޯޓުން ވަނީ ސިޔާސީ އެއްވެސް މަގާމެއް ނަވާޒް ޝަރީފަށް އުމުރުގައި ވެސް އަދާ ނުކުރެވޭ ގޮތް ހަދައިފަ އެވެ. އެއީ ޕާލަމެންޓް މެންބަރުންގެ އިތުބާރާއި ތެދުވެރިކަން ދަމަހައްޓަން ޖެހޭ މާއްދާއާ ޚިލާފުވެފައިވާތީ ކަމަށް ބުނެ އެވެ.

ޕާކިސްތާނުގައި އާއްމު އިންތިޚާބު އޮންނާނީ އަންނަ ޖުލައި މަހު އެވެ.