"ބާރަތު" ގައި ކުޅެން ލިބުނު ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ: ޕްރިޔަންކާ ޗޯޕްޅާ
"ބާރަތު" ގައި ކުޅެން ލިބުނު ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ: ޕްރިޔަންކާ ޗޯޕްޅާ

އަހަރުތަކަކަށް ފަހު، ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމް "ބާރަތު" ގައި ކުޅެން ލިބުނު ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ބޭވޮޗް" އަށް ފަހު، ހޮލީވުޑްގެ އިތުރު ދެ ފިލްމެއްގެ މަސައްކަތް ނިންމާފައިވާ ބަތަލާ ބުނީ ސަލްމާން ހާނާ އެކު ކުޅޭ "ބާރަތު" އަކީ ބެލުންތެރިން ވަރަށް ބޮޑަށް މުނިފޫހި ފިލުވައި ދޭނެ ފިލްމެއް ކަމަށެވެ.

"މިއީ ހަމަ ޓިޕިކަލް ބޮލީވުޑް ފިލްމެއް. ވަރަށް ދުވަސްކޮށްފައި މިކަހަލަ ފިލްމެއް ކުޅެން މި ލިބުނީ. އަހަރެން ވަރަށް ހިތްހަމަޖެހޭ ފިލްމުން ލިބުނު ރޯލާ ދޭތެރޭ،" އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކުރާ ފިލްމާ ބެހޭ ގޮތުން ޕްރިޔަންކާ ބުންޏެވެ. "ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ކަމުގެ ގެރެންޓީ މިހާރު ވެސް އަހަންނަށް ދެވިދާނެ."

"ބާރަތު" ގެ ޝޫޓިން މި މަހުގެ މެދުތެރޭގައި ފެށި ނަމަވެސް، ސަލްމާން އަދިވެސް އުޅެނީ ޖޫން 15 ގައި ރިލީޒް ކުރާ "ރޭސް 3" ގެ މަސައްކަތުގައި ބިޒީކޮށެވެ. އޭނާ އާއި ބަތަލާ ޖެކްލީން ފެނަންޑޭޒް މި ވަގުތު ތިބީ ފިލްމެއްގެ ލަވައެއް ޝޫޓް ކުރަން ކަޝްމީރްގަ އެވެ.

އެހެންވެ "ބާރަތު" ގެ ކްރޫއާ ޕްރިޔަންކާ ގުޅޭނީ ކޮން އިރަކުން ކަމެއް އަދި ނޭނގެ އެވެ. އޭނާ މި ފިލްމަށް އެއްބަސްވުމުން، އެކަމަށް މަރުހަބާ ކިޔަން ސަލްމާން ކުރި ޓްވީޓެއްގައި ވަނީ ޕްރިޔަންކާ އަށް ފާޑަކަށް ދިމާވެސްކޮށްލައިފަ އެވެ.

ޕްރިޔަންކާ ހޮލީވުޑަށް ހިޖުރަކޮށްފައިވާތީ ސަލްމާންގެ ޓްވީޓްގައި ބުނީ "ޕްރިޔަންކާ އެއްބަސްވި އަހަރެމެންގެ ފިލްމަކީ ހިންދީ ފިލްމެއް" ކަމަށެވެ.

ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އެވެ. ސަލްމާނާއި ޕްރިޔަންކާ އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2008 ގައި ރިލީޒް ކުރި "ގޯޑް ތުސީ ގްރޭޓް ހޯ" އެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ ޖޫން 8 ގައި ރިލީޒް ކުރާ "އަ ކިޑް ލައިކް ޖޭކް" އިންނެވެ. އަދި "ބާރަތު" ގެ ކުރިން އޭނާގެ އިތުރު ހޮލީވުޑް ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ އަންނަ އަހަރުގެ ވެލަންޓައިން ޑޭގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ. އެ ފިލްމްގައި އޭނާ ފެނިގެން ދާނީ ވަރަށް މުއްސަނދި ޔޯގާ ގްރޫއެއްގެ ރޯލުންނެވެ.

ޕްރިޔަންކާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން ބުރާސްފަތި ދުވަހު ވަނީ ދައްކަން ފަށައިފަ އެވެ.

"ބާރަތު" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.