28 އެޕްރީލް 2018 - 07:12

އިންޑިއާގެ މަޝްހޫރު އަންހެން ބޮކްސިން ތެޅުންތެރިޔާ މޭރީ ކޮމްގެ ރޯލް ޕްރިޔަންކާ ލައްވައި ކުޅުވުމަށް ފަހު، ޑައިރެކްޓަރު އޮމަންގް ކުމާރް އަނެއްކާ ވެސް ކުޅިވަރު ފިލްމެއް ހަދަން ނިންމައިފި އެވެ.

ދެހާސް ފަނަރާގައި ރިލީޒް ކުރި "މޭރީ ކޮމް" އަށް ފަހު، އޮމަންގް ވަނީ "ސަރަބްޖީތު" ގެ ނަމުގައި ވެސް ބައޮޕިކެއް ގެނެސް ދިނުމަށް ފަހު، ސަންޖޭ ދަތު އެނބުރި ބޮޑު ސްކްރީނަށް އައި ފިލްމް "ބޫމީ" ވެސް ޑައިރެކްޓްކޮށްފަ އެވެ.
މި ފަހަރު އޭނާ ހަދަން ނިންމާފައިވާ ކުޅިވަރު ފިލްމް ހާއްސަ ކުރަނީ ރަގްބީގެ ފެށުން ކަމަށް ބައެއް މީހުން ބުނާ އިންޑިއާގައި ކުޅޭ ޔޫބީ ލުކްޕީއަށެވެ. މިއީ ކާށި ބޭނުންކޮށްގެން އިންޑިއާގެ ޕަނިޕޫރް ސްޓޭޓްގައި އާންމުކޮށް ކުޅޭ ކުޅިވަރެކެވެ.
"ޔޫބީ ލުކްޕީ" ގެ ނަން ދީފައިވާ ފިލްމަށް އޮމަންގް މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އޮމަންގް ޑައިރެކްޓް ކުރާ ފިލްމްގެ ޕްރޮޑިއުސަރަކީ ސަންދީޕް ސިންގް އެވެ.
ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ އޮމަންގާ އެކު، ކުޅިވަރު ފިލްމެއް ހެދޭތީ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.
"މޭރީ ކޮމުން ވެސް އޭނަ ވަނީ ޖާދޫ ދައްކާފައި. އެހެންވީމާ މި ފަހަރު އަނެއްކާ ވެސް ކުޅިވަރު ފިލްމަކުން އޮމަންގްގެ ހުނަރު ބޮޑު ސްކްރީނުން ދައްކައިލަ ދޭނެ،" ސަންދީޕް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަނިޕޫރްގައި ކުޅޭ ޔޫބީ ލުކްޕީ އަށް ފިލްމެއް ހެދުމަކީ އެ ކުޅިވަރަކީ ކޮން ކަހަލަ އެއްޗެއްކަން ނޭނގޭ މީހުންނަށް އޭގެ ވަރުގަދަކަމާއި މުހިއްމުކަން ކިޔައިދޭނެ ފިލްމެކެވެ.
އޮމަންގް ބުނީ "ޔޫބީ ލުކްޕީ" ގެ ސްކްރީންޕްލޭ މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި ފިލްމްގައި މި ކުޅިވަރުގެ ހަފަރާތް ދައްކުވައި ދޭނެ ކަމަށް ބުންޏެވެ.
"ފިލްމްގެ ބޮޑު ބައި ޝޫޓް ކުރާނީ މަނިޕޫރާއި ލަންޑަންގައި. އަދި މީގެ ބައެއް މޮރިޝަސްގައި ވެސް ނަގާނަން،" އަންނަ އަހަރު ޝޫޓިން ފަށާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
ނަމަވެސް "ޔޫބީ ލުކްޕީ" ގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ފިލްމް ސިނަމާ އަށް އަންނާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.