26 އެޕްރީލް 2018 - 23:22

ރާއްޖެއިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ބޮންޑެއް އަބޫ ދާބީ ފަންޑަށް ވިއްކައިފި އެވެ.
މިއީ ފުރަތަމަ ފަހަރަށް ވަކި ބަޔަކާ މަޝްވަރާކުރުމަށްފަހު އެ ބަޔަަކަށް ސީދާ ވިއްކި ބޮންޑެވެ.
އެ ބޮންޑު އަބޫ ދާބީ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން މިއަދު ބުނީ 5.5 ޕަސެންޓުގެ ކޫޕަން ރޭޓުގައި، ފަސް އަހަރުގެ މެޗޫރިޓީއަކާ އެކު އެ ބޮންޑު ވިއްކީ ޕްރައިވެޓް ޕްލޭސްމެންޓް އުސޫލުންނެވެ. އެ ބޮންޑު ވިއްކީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޕްރައިވެޓް ޕްލޭސްމަންޓް އުސޫލަކީ ވަކި ބަޔަކާ މަޝްވަރާ ކުރުމަށްފަހު އެ ބަޔަކަށް އެކަނި ބޮންޑު ވިއްކާ އުސޫލެވެ. މި އުސޫލުގެ ދަށުން ބޮންޑު ވިއްކާނީ ބޮޑެތި ފަންޑުތަކަށާއި އިންޝުއަރެންސް ކުންފުނި، ބޮޑެތި ބޮންޑުތައް ވިއްކާ އިންވެސްޓަރުންނަށެވެ.
މީގެ ކުރިން ސަރުކާރުން ސިންގަޕޫރު ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ދެ ފަހަރެއްގެ މަތިން 250 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކީ ބިޑަށް ހުޅުވާލައިގެންނެވެ. އެ ފަހަރު ބޮންޑު ވިއްކީ ހަތް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ފަސް އަހަރު ފަހުން ދައްކަން ފަށަން ޖެހޭ ގޮތަށެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ވިއްކި 100 މިލިއަން ޑޮލަރު މިހާރު ވަނީ ލިބިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިފަހަރު ބޮންޑު ވިއްކުމުގައި ލީޑު މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރީ ފަސްޓް އަބޫ ދާބީ ބޭންކު ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ އަބޫ ދާބީ ފަންޑުން ވަނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކަށް ލޯނު ދީފަ އެވެ.