27 އެޕްރީލް 2018 - 09:42

ލަންޑަން (އޭޕްރީލް 27) - އިނގިރޭސި ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމް ގަންނަން ޕާކިސްތާނަށް އުފަން އެމެރިކާގެ މަހުޖަނު ޝާހިދު ހާން 800 މިލިއަން ހުށަހަޅާފައިވާ ކަމަށް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

ޝާހިދު ހާނަކީ އިނގިރޭސި ފުޓްބޯޅަ ކްލަބް ފުލަމް އާއި ނެޝަނަލް ފުޓްބޯލް ލީގު (އެންއެފްއެލް)ގެ ޖެކްސަންވިލް ޖެގުއާސްގެ ވެރިޔާ އެވެ. މާލިއްޔަތުގައި 7.5 ބިިލިއަން ޑޮލަރު ހުރި ޝާހިދު ހާން އަންނަނީ ކުޅިވަރަށް އެކި ގޮތްގޮތުން ބޮޑު ހޭދައެއް ކުރަމުންނެވެ.
ވެމްބްލީ ގަތުމަށް ފަހު ޝާހިދު ހާންގެ ވިސްނުން ހުރީ އެ ތަނުގައި އެންއެފްއެލް މެޗުތައް އެކަނި ކުރިއަށްގެންދިއުމަށެވެ. އޭގެ ސަބަބުން ފުލަމް އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ޝާހިދު ހާންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެންއެފްއެލް މެޗެއް ވެމްބްލީގައި ކުޅެފިނަމަ އެ ވެގެންދާނީ އެ މުބާރާތުގެ މެޗެއް އެމެރިކާ އިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރަށެވެ. ފުޓްބޯޅައިގެ އިތުރުން މި ވަގުތު ވެމްބްލީގައި ކުޅެނީ އިންޓަނޭޝަނަލް ރަގްބީ ލީގެވެ.
"މިއީ މުޅި އެންއެފްއެލްގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭނެ ބަދަލެއް. މީގެ ސަބަބުން އެންއެފްއެލް އަށް ބޮޑު ފައިދާއެއް ކުރާނެ. ވެމްބްލީ ފަދަ މަގުބޫލު ދަނޑެއްގައި އެންއެފްއެލްގެ މެޗެއް ބަލާލުމަކީ ގިނަ ބަޔަކަށް ލިބޭނެ ހިތްހަމަ ޖެހުމަަކަށްވާނެ. އަދި މީގެ ސަބަބުން ޖެކްސަންވިލް އަށް މާލީ ގޮތުން ބޮޑު ފައިދާއެއް ކުރާނެ،" ޝާހިދު ހާންގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ އޮގަސްޓް މަހު ފެށޭއިރު، އެންއެފްއެލްގެ ސީޒަން ފަށާނީ ސެޕްޓެމްބަރު މަހުގަ އެވެެ. އޭގެ ކުރިން ޝާހިދު ހާން އަށް ވެމްބްލީ ސްޓޭޑިއަމް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޝާހިދު ހާނަށް ވެމްބްލީ ވިއްކާލި ނަމަވެސް އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދަނޑެއްގެ ގޮތުގައި އޮންނާނީ ވެމްބްލީ ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފަ އެވެ.
މި ވަގުތު ވެމްބްލީގައި ކުޅެނީ ލަންޑަންގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ހޯމް މެޗުތަކެވެ. ޓޮޓެންހަމުން ވެމްބްލީ ވަގުތީ ގޮތުން ބޭނުންކުރަމުންދަނީ އެ ޓީމުގެ ސްޓޭޑިއަމް ހަދައިނިމެންދެނެވެ. އަންނަ ސީޒަނުގައި ޓޮޓެންހަމްއާ ދަނޑަށް ބަދަލުވާނެ އެވެ.
މަރާމާތަށް ބަންދު ކުރުމަށް ފަހު ވެމްބްލީ ހުޅުވީ 2007 ވަނަ އަހަރު އެވެ. އެ ދަނޑަކީ 90،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. ވެމްބްލީ އަކީ އިންގްލެންޑުގެ އެންމެ ގިނަ މީހުންނަށް ވަދެވޭ ދަނޑެވެ. އަދި ޔޫރަޕްގެ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވަދެވޭ ދަނޑެވެ. ޔޫރަޕުގައި އެންމެ ޖާގަ ބޮޑީ ލައްކައެއްހާ މީހުންގެ ޖާގައިގެ ބާސެލޯނާގެ ކޭމްޕް ނައު އެވެ.