ޝަރީއަތުގެ މަޖިލީހުން ތަފާތު މަންޒަރެއް!
ޝަރީއަތުގެ މަޖިލީހުން ތަފާތު މަންޒަރެއް!

ޝަރީއަތުގެ މަޖިލީހަށް އެންމެން ވަދެ ހަމަޖެހިލުމާ އެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެ މާލަމަށް ވެދެވަޑައިގަތެވެ. ޓެރަރިޒަމް ކަހަލަ އެންމެ ބޮޑެތި ދައުވާތަކުގެ ތެރޭގައި ފިތިފައި ތިއްބަސް އެ ބޭފުޅުންގެ މޫނުފުޅުން އެއްވެސް ނުތަނަވަސް ކަމެއް، ހާސް ކަމެއް ނެތެވެ.

ޝަރީއަތުގެ މަޖިލީހުން ތަފާތު މަންޒަރެއް!
ޝަރީއަތުގެ މަޖިލީހުން ތަފާތު މަންޒަރެއް!

މި ތިން ބޭފުޅުންގެ ޝަރީއަތުގެ ވާހަކަ މި ދައްކަން ޖެހެނީ ވަރަށް ގިނަ ސަބަބުތަކަކާ ހެދި އެވެ. މިއީ، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތަށް ފަހު ރާއްޖޭގައި ހިނގާ އެންމެ ބޮޑު ޝަރީއަތެވެ. ހަމަ އެހެންމެ، މި ޝަރީއަތް ހާއްސަ ވަނީ ގައުމުގައި 30 އަހަރު ވެރިކަން ކުރައްވާފައި ހުރި ރައީސަކާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މައްޗަށް ވަރަށް ހުތުރު ތުހުމަތުތަކެއްގެ ދައުވާތަކެއް ވެސް އުފުލިގެން ކުރާ ޝަރީއަތްތަކަށް ވާތީ އެވެ. އެހެންވެ، މި ޝަރީއަތްތަކުގެ އެތެރެ އާއި ބޭރުން ވެސް ފެންނަ މަންޒަރުތައް އެހެން ހުރިހާ ޝަރީއަތަކާ ވެސް ތަފާތެވެ.

ޝަރީއަތުގެ މަޖިލީހުން ތަފާތު މަންޒަރެއް!
ޝަރީއަތުގެ މަޖިލީހުން ތަފާތު މަންޒަރެއް!

ޝަރީއަތުގެ މާލަމަށް އެ ބޭފުޅުން ވެދެވަޑައިގެންނެވުމާ އެކު، އަޑުއަހަން ޝަރީއަތަށް ވަދެ ތިބޭ ބައެއް މީހުންނަށް ބޭ އިޚްތިޔާރުގައި ނަމަވެސް، ކޮޅަށް ތެދުވެވި އިހުތިރާމް އަދާކުރެ އެވެ. އަދި ތިން ބޭފުޅުން އަތްޕުޅުގެ އިޝާރާތުން އަޑުއަހަން ތިބޭ މީހުންނާ ސަލާމްކޮށްލައްވަނީ ވެސް ހިނިތުންވުމާ އެކުގަ އެވެ.

މިއީ އެއް ވާހަކަ އެވެ؛ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަކީ ސަރުކާރަށް ތާއީދުކުރައްވާ، ސޯޝަލް މީޑިއާގައި ވެސް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވާ އެއް ބޭފުޅެވެ. ޚާއްސަކޮށް މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައިދިޔަ ކަންކަމަކީ "ބަޣާވާތެއް" ކަމަށް ސިފަކޮށް، އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ބުނެވޭ އެންމެ އިސް ބޭފުޅުންނަށް ސިއްދީގު ވަރަށް ފާޅުގައި ފާޑު ވިދާޅުވެފައި ވެ އެވެ. ސިއްދީގު ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއަކާ ގުޅިގެން ބޭއްވި އަޑުއެހުމަކަށް ވަޑައިގެންފަ އެވެ. އެ އަޑުއެހުން ނިންމާލާފައި ޝަރީއަތުގެ މާލަމުން ނިކުންނެވުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ވަނީ ސިއްދީގު މޫނަށް ވަކިން ބެއްލެވުމަށްފަހު، ހިނިތުންވެ ހުންނަވައި އަތްޕުޅު އުފުއްލަވައި ސަލާމް ކުރައްވައިފަ އެވެ. ކިތަންމެ ބޭ އިހްތިޔާރުގައި ނަމަވެސް ސިއްދީގު އެ ސަލާމް ބަލައިގަތެވެ. އަތުގެ އިޝާރާތުންނާއި ހިނިތުންވުމާ އެކު އެވެ.

ކްރިމިނަލް ކޯޓުން ވެސް އެ ތިން ބޭފުޅުންނަށް އަދާކުރާ އިހްތިރާމް ވަކި ކުޑައެއް ނޫނެވެ. ޝަރީއަތުގެ މަޖިލިސްކުރާ މާލަމުގެ އެންމެ ކުރީގައި މައުމޫނާއި އެމަނިކުފާނުގެ ވަކީލުންނެވެ. އެ ބޭފުޅުންނާ އެއް ހަމައެއްގައި ދައުލަތުގެ ވަކީލުންނެވެ. އޭގެ ފަހަތުން ދެ ވަނަ ބަރީގައި އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ ވަކީލުންނެވެ. ތިން ވަނަ ބަރީގައި ފަނޑިޔާރު އަލީ ހަމީދާއި އެމަނިކުފާނުގެ ވަކީލުންނެވެ.

މިއީ ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓުން ފެނުނު ކަންތައްތަކުން ކުޑަ މިންވަރެކެވެ.

ކޯޓު ރޫމަށް ވެއްދުމާއި ޝަރީއަތް ފެށުމާ ދޭތެރޭގައި އެ ހިނގާ ވަގުތުގައި މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ނަޒަރު ބޮޑަށް އަމާޒު ކުރައްވަނީ އެ ބޭފުޅެއްގެ ވަކީލުންނަށެވެ. ދޭތެރެ ދޭތެރެއިން ވަކީލުންނާ މަޝްވަރާ ކުރައްވާ މަންޒަރު ފެނެ އެވެ. އެކަމަކު، އެ ބޭފުޅުން މަޝްވަރާ ކުރައްވަނީ ކޮން ކަމަކާ ކަމެއް އަޑުއަހަން ވަދެ ތިބޭ މީހުން އިށީނދެގެން ތިބޭ ހިސާބަކަށް ސާފެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގައި އަޑުއަހަން ގޮސް ތިބޭ މީހުންނަށް ފިޔަވައި، ދެން ޝަރީއަތުގެ މަޖިލީހަށް ވަދެ ތިބޭ ކޮންމެ މީހަކަށް އެ ކޯޓުން ފެން ފުޅިއެއް ދެ އެވެ. ކޮންމެ މީހެއްގެ މޭޒު ކައިރީގައި ފެން ފުޅިއެއް ހުރެ އެވެ. މިކަމުގައި ވެސް މައުމޫންއާ މެދު އަމަލުކުރާ ގޮތް ވަރަށް ބޮޑަށް ތަފާތެވެ. އެމަނިކުފާނުގެ ޝަރީއަތެއް އޮންނަނަމަ، ފެން ފުޅިއެއްގެ އިތުރުން ތައްޓެއް ވެސް ގެންގޮސްދެ އެވެ. އެކަމަކު، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ހަމައެކަނި ދެއްވަނީ ފެން ފުޅިއެކެވެ. ކޯޓުގެ އިދާރީ މުވައްޒަފުން މައުމޫނަށް ތަށި ގެންގޮސްދޭ އިރު، އެ ތަށީގައި އެއްވެސް އެއްޗެއް ހުރިތޯ އެމަނިކުފާނުގެ ވަކީލުން ޗެކް ވެސް ކުރައްވަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން، ތިން ބޭފުޅުންނަށް އިހްތިރާމް ކުރައްވާ ކަން އެނގުނީ ހަމައެކަނި އެންމެ ކަމަކުން ނޫނެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުން ފެށުމުގެ ކުރިން މައުމޫނާ އެކު ކޯޓަށް ވަޑައިގެންނެވި ފުލުހަކު އިށީނދެގެން އިނީ އަޑުއަހަން ގޮސް ތިބޭ މީހުން ތިބި ތަނުގަ އެވެ. އެކަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް އާރިފްގެ ސަމާލު ކަމަށް އައުމާ އެކު، އެ ފުލުސް މީހާ ކިބައިން އެދުނީ މައުމޫންގެ އަރިހަށް ވަޑައިގަތުމަށެވެ. އެއާއެކު، ފުރަތަމަ ބަރީގައި އިން ހުސް ގޮނޑިއެއްގައި އެ ފުލުސް މީހާ އިށީނެވެ. އަދި ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ފަނޑިޔާރު އެދިވަޑައިގަތެވެ.

މައުމޫނާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ކުރި ދައުވާ އަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމުން ދެ ބޭފުޅުން ވެސް ޝަރީއަތުގައި އަމަލުކުރާ އުސޫލުގެ ތެރެއިން ކޮޅަށް ތެދުވެވަޑައިގަތެވެ. ދެ ބޭފުޅުން ކޮޅަށް ތެދުވެ ވާހަކަފުޅު ދައްކަވަން ފެއްޓެވުމާއެކު، ފަނޑިޔާރުން ވަނީ އެބޭފުޅުންގެ ވާހަކަފުޅު ހުއްޓުވައިފަ އެވެ. އިށީނދެވަޑައިގެން ވާހަކަފުޅު ދެއްކެވިޔަސް، މައްސަލައެއް ނެތް ކަމަށް ފަނޑިޔާރުން ވިދާޅުވެ އެވެ.

އަލީ ހަމީދަކީ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއްކަމާއި މައުމޫނަކީ އުމުރުން ދުވަސްވީ ބޭފުޅެއްކަން ގާޒީ އަށް ރޭކާލި ކަހަލަ އެވެ. އެކަމަކު، އެކަން ކުރައްވަން ދެ ބޭފުޅުން ދެކޮޅު ހައްދަވައި ވިދާޅުވީ ކޮޅަށް ހުންނަވައިގެން ވާހަކަފުޅު ދައްކަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ ފަހުން ދެތިން ފަހަރެއްގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ދެ ބޭފުޅުން ވެސް ވާހަކަފުޅު ދެއްކެވީ ކޮޅަށް ތެދުވެ ހުންނަވައިގެންނެވެ.

ޝަރީއަތުގެ މަޖިލިސްތަކުގައި އުއްތަމަ ފަނޑިޔާރަކީ އާންމުކޮށް ވާހަކަފުޅު ދައްކަވާ "ދޫހެލޭ" ބޭފުޅެކެވެ. ވަކީލުންނާ ޚިލާފަށް އަތްޕުޅު މައްޗަށް ނަންގަވާ ކޮންމެ ފަހަރަކު، އެމަނިކުފާނަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ފަނޑިޔާރުން ދެއްވަ އެވެ. އެއީ ވެސް އެމަނިކުފާނަށް ކުރައްވާ އިހްތިރާމެއް ގޮތުން ފަނޑިޔާރުން އަމަލުކުރައްވަމުން އަންނަ ގޮތެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

މިފަހަރު ވެސް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ހިނގި ކަމެކެވެ. މައުމޫނާއި ދެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހަށް ވެންނެވީ މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށެވެ. އަޑުއެހުން ނުފެށެނީސް، އުއްތަމަ ފަނޑިޔާރުންގެ ވަކީލުންގެ ޓީމުގެ މެމްބަރުން ޝަރީއަތުގެ މަޖިލީހުން ނެރުނެވެ. ވަކީލުން ޝަރީއަތުން ނެރުމާއެކު، ވެގެން އުޅޭ ގޮތް ސާފުނުވެގެން ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް އުޅުއްވި އެވެ.

ކްރިމިނަލް ކޯޓުގެ އިދާރީ މުވައްޒަފުންގެ ފަރާތުން ފަހުން އެނގުނު ގޮތުގައި އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ޝަރީއަތުގެ މަޖިލީހުން ނެރުނީ، އެބޭފުޅުން ވަކާލާތު ކުރައްވާ އެހެން މައްސަލަތަކެއް އެއް ގަޑިއަކަށް ތާވަލްކޮށްފައި ހުރުމުން އެކަމާ މެދު މަޝްވަރާ ކުރުމަށެވެ. އެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޝަރީއަތް މެދުކަނޑާލީ މައުމޫނާއި ދެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި އިންނަވާތާ ގަޑިއަކަށް ވުރެ ގިނަ އިރު ފަހުންނެވެ. އެކަމަކު، ޝަރީއަތް ނުފެށި ލަސްވެގެން ތިން ބޭފުޅުން ކަންބޮޑުވެގެން އުޅުއްވި ތަނެއް ނުފެނުނެވެ. މަޖިލިސް ކުރާ މާލަމުން އެބޭފުޅުން ނިކުމެވަޑައިގެން، ޚާއްސަ ކުރެވިފައިވާ ތަނަށް ވަޑައިގަތީ އެވެ.

ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން ފެށީ ހަވީރު 5:30 ވި ފަހުން، އުއްތަމަ ފަނޑިޔާރުގެ އެންމެ ވަކީލަކާ އެކުގަ އެވެ. އެހެންވެ، އުއްތަމަ ފަނޑިޔާރު ވެސް ޝަކުވާ ކުރެއްވި އެވެ. ނަމަވެސް ފަނޑިޔާރު އާދަމް އާރިފް އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ބައެއް ވަކީލުންނާ ނުލައި ޝަރީއަތް ފަށަން ޖެހުނީ މަޝްވަރާކޮށްގެން ހައްލެއް ނުލިބުމުން ކަމަށެވެ. އަދި އެހެން ކޯޓު ރޫމްތަކުގައި ހިނގާ ޝަރީއަތްތައް ނިމުމުން، އެ ޝަރީއަތުގެ މާލަމަށް ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވެ، ޝަރީއަތް ކުރިއަށް ގެންދެވި އެވެ.

މިފަހަރު އުއްތަމަ ފަނޑިޔާރާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެކެވެ. އެ އަޑުއެހުން ނިމުނު ފަހުން، އުއްތަމަ ފަނޑިޔާރު ގެންދެވީ ވަކީލުންނާ މަޝްވަރާ ކުރައްވަމުންނެވެ. ކޯޓު ރޫމުން ނެރެގެން ގެންދިއުމަށް އިދާރީ މުވައްޒަފަކާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރަކު، އުއްތަމަ ފަނޑިޔާރުގެ އަރިހަށް ދިޔަ އެވެ. އެކަމަކު، އެ މީހުން ވެސް އުއްތަމަ ފަނޑިޔާރަށް ވަނީ މަޝްވަރާ ކުރަން ފުރުސަތު ދީފަ އެވެ. ދެ މިނިޓެއްހާއިރު، ފަހުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް އެމަނިކުފާނު ގެންދެވި އެވެ.

އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގައި މައުމޫނާއި ދެ ފަނޑިޔާރުން ގިނަ ވަގުތު ހޭދަކުރައްވާ ނަމަ، އެ ބޭފުޅުންނަށް ފަރިއްކުޅުވޭނެ އިންތިޒާމު ކޯޓުން ހަމަޖައްސައި ދެއްވަ އެވެ. އެކަމަކު މިއީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރާ އެހެން މީހުންނާ މެދު ވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ.

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ހިނގައިދިޔަ ޝަރީއަތްތަކުގައި އެންމެ ބޮޑަށް ޝަކުވާ ކުރެއްވި އެއް ބޭފުޅަކަށް އުއްތަމަ ފަނޑިޔާރު ވެގެންދާނެ އެވެ. އެމަނިކުފާނުގެ އިތުރުން، ރައީސް މައުމޫނާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަކުވާތައް ވެސް ވަކި ކުޑައެއް ނޫނެވެ. އެ ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވާއިރު، ބަންދުކޮށްގެން ގެންގުޅޭ ގޮތާ މެދު ތިބީ ހިތްޕުޅުހަމަޖެހިވަޑައިނުގެންފަ އެވެ. އަދި އެބޭފުޅުންނަކީ ކުށްވެރިން ނޫން ކަމުގައި ފަނޑިޔާރުންގެ ކުރިމަތީގައި ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ގިނަ ބައެއްގެ ލޯ މިވަގުތު އަމާޒުވެފައި ހުރީ ދިގު 30 އަހަރު ވެރިކަން ކުރެއްވި މައުމޫނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ޝަރީއަތް ނިމޭނެ ގޮތަކާ މެދުގަ އެވެ. ފަނޑިޔާރު ކަމުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ދެ ފަނޑިޔާރުންނަށް ހުކުމް އިއްވާނެ ގޮތަކާ މެދުގަ އެވެ. މިއީ ރައްޔިތުން ގަދަރު ކުރާ ބޭފުޅުންތަކެކެވެ. ޝަރީއަތް ނިމުމާއެކު، އަޑުއަހަން ގޮސް ތިބޭ މީހުން އެ ބޭފުޅުންނާ ސަލާމް ކުރައްވަން ދާ މަންޒަރުން އެކަން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ އެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުވާތަކެއް އުފުލައި އަޑުއެހުންތައް ކޮންމެ ދުވަހަކުހެން، ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އަދި ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ފަށަން ކްރިމިނަލް ކޯޓުން ވަނީ ތައްޔާރުވެފަ އެވެ. ތިން ބޭފުޅުންގެ އިތުރުން، ސިޔާސީ އެކިއެކި ބޭފުޅުންގެ ޝަރީއަތްތައް ފުލުފުލުގައި ކޯޓުގައި ދަނީ ތާވަލް ކުރަމުންނެވެ. އެހެންވެ، އެންމެންގެ ލޯތައް ކްރިމިނަލް ކޯޓަށް ވަނީ އަމާޒުވެފަ އެވެ. ކޯޓުން ނެރޭ ހުކުމްތަކުން ސިޔާސީ މަސްރަހު ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.