26 އެޕްރީލް 2018 - 16:32

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 26) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ދަމަހައްޓަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް ފަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އީރާނުގެ ނިއުކްލިއާ އާ އެއްބަސްވުމަކަށް ދިއުމުގެ ޚިޔާލު ފާޅު ކުރައްވައިފަ އެވެ. އާ އެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހިމަނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައީސް ޓްރަމްޕް ވެސް މީގެ ކުރިން އެތައް ފަހަރަކު ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމުގެ އިންޒާރު ދެެއްވައިފަ އެވެ.
އދ.ގެ ތަރުޖަމާން ސްޓެފާން ޑުޖަރިކް ވިދާޅުވީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މުހިންމުކަން ގުޓަރޭޒް އަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެ އެއްބަސްވުން ދަމަހައްޓަން ޖެހޭ ކަމަށް ގުޓަރޭޒް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތާރީޚުގައި ހޯދުނު މި މުހިންމު ކާމިޔާބީ ދަމަހައްޓަން ޖެހޭނެ. އެއީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމުގެ ބިންގާ،" ގުޓަރޭޒްއާ ހަވާލާ ދެއްވާ ތަރުޖަމާން ވިދާޅުވި އެވެ.
ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ގުޓަރޭޒް ވަނީ މިދިޔަ ހޯމަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒާރިފްއާ ބައްދަލު ކުރައްވައިފަ އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ 2015 ވަނަ އަހަރުގެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.