26 އެޕްރީލް 2018 - 15:58

ސައޮ ޕޯލޯ (އެޕްރީލް 26) - އޮކްޓޯބަރު މަހު ބްރެޒިލްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯކާސް ޕާޓީ (ޑަބްލިއުޓީ) އިން އެހެން ކެންޑިޑޭޓެއް ހޯދުމަށް ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި މިހާރު ހުންނެވި ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ އެދިވަޑައިގެންފި އެވެ.
"މި އަހަރަކީ ވަރަށް މުހިންމު އަހަރަކަށް ވާތީ އިންތިޚާބަށް ނެރޭނެ އެހެން ކެންޑިޑޭޓެއް ހޯދުމުގެ ފުރިހަމަ އިޚްތިޔާރު ޕާޓީ އަށް އެބައޮތް. އެއީ ޑިމޮކްރެސީ އަށް ޓަކައި ވެސް މުހިންމު ކަމެއް،" ޑަބްލިއުޓީގެ ލީޑަޝިޕަށް ލޫލާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ.
އެކަމަކު ޕާޓީގެ އިސްވެރިން ވަނީ ލޫލާގެ ހުށަހެޅުން ގަބޫލް ކުރަން ދެކޮޅު ހަދައިފަ އެވެ. ޑަބްލިއުޓީގެ ރައީސް ގްލެއިސީ ހޮފްމަން ވިދާޅުވީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސަން ބޭނުން ވަނީ ލޫލާ ކަމަށެވެ.
"ރައްޔިތުން ބޭނުން ވަނީ ލޫލާ މިނިވަންވާން. ލޫލާއަކީ ގައުމުގެ ރައީސް އަށް ވާން. ޕްލޭން ބީއެއް މިކަމުގައި ނެތް. ސަބަބަކީ ލޫލާ އަކީ ކުށެއް ނެތް މީހަކަށްވާތީ،" ހޮފްމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު ފަހުކޮޅު ބާއްވާ ޕާޓީ ކޮންވެންޝަނުގައި ރިޔާސީ ކެންޑިޑޭޓަކީ ލޫލާކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. އަދި ލޫލާ މިނިވަން ކުރަން ޕާޓީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އެންމެ އުއްމީދީ ކެންޑިޑޭޓުންގެ ތެރޭގައި ލޫލާ ހިމެނެ އެވެ. ލޫލާ ވެސް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.
އިންތިޚާބަށް ކެންޑިޑޭޓުން ރަޖިސްޓްރީކުރަން ޖެހޭ ފަހު ތާރީޚަކީ އޮގަސްޓް 15 އެވެ.