ފޯނު ޗާޖަރަކަށް، އަތުގައި އަޅާ ވާކޮޅެއް
ފޯނު ޗާޖަރަކަށް، އަތުގައި އަޅާ ވާކޮޅެއް

އަތުގައި އޮންނަ ސްމާޓްފޯނާއި ޓެބްލެޓާއި މި ނޫނަސް މިފަދަ ޑިވައިސްތަކުގެ ބެޓެރީ ބާރު ދެރަވެގެން ނިވުމަކީ ބައެއް މީހުންނަށް ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އެކަމަކު ދާ ކޮންމެ ތާކަށް ފޯނުގެ ޗާޖަރު ގެންދިޔުމަކީ ކުޅަދާނަކަމެއް ނޫނެވެ. އަދި ޕަވަބޭންކެއް ގެންގުޅުނަސް އޭގެ މަތިންވެސް ހަނދާން ނެތިދާނެއެވެ. އެންމެ ރަގަޅީ އަބަދާއި އަބަދު އަތުކުރީގައި ގެންގުޅެވޭނެ ޗާޖަރެކެވެ.

ވޭވް ޗާޖިންގް ކޭބަލް ބްރޭސްލަޓަކީ އޭގެ ޒާތުގައި ޗާޖުކުރާ ވާކޮޅެކެވެ. އެކަމަކު ސީދާ އެންމެ މޮޅު ލެދާ ބޭނުންކޮށްގެން ހަދާފައިވާ މި ވާކޮޅު ހީވަނީ ހަމަ އަސްލު، އަތުކުރީ އަޅާ ނަލަ ވާކޮޅެއްހެނެވެ. ދެކޮޅު ބެދޭ ތަނުގައި ވަނީ ދަގަތްފާނު ބާރުން ތަތްކޮށްލެވޭ މައުދަނު ފޮއްޗެކެވެ. ދެކޮޅު ނައްޓާލުމުން ނޫނީ މިއީ ޗާޖަރު ވާކޮޅެއް ކަމެއް ނޭނގެއެވެ.

މި ގަހަނާ ޗާޖަރުން އެންޑްރޮއިޑް ހުރިހާ ވައްތަރަކާއި އައިފޯނާއި އައިޕެޑާއި އައިޕޮޑް ޗާޖުކުރެވެއެވެ. އަދި އެންމެ ފަހުގެ ހުރިހާ ވައްތަރެއްގެ ސްމާޓް ޑިވައިސްތައް ޗާޖުކުރެވެން ހުރެއެވެ.

ވޭވް ގަހަނާ ޗާޖަރު މިހާރު ފަސް ކުލައަކުން ލިބެން ހުރެއެވެ. ކަޅުކުލަ އާއި ހުދުކުލައާއި ނޫކުލަ އާއި ފިޔާތޮށްޓާއި ރަންކުލައެވެ. ހެދުމާ ވެސް ގުޅުވާލެވޭނެއެވެ. މިއީ ފެޝަން އާއި ޓެކްނޮލޮޖީ ގުޅުވައިދޭ ނަމޫނާ އުފެއްދުމެކެވެ.