މިއީ ކަނޑުމަތީގެ ސަލާމަތަށް މުހިންމު އެއްޗެއް
މިއީ ކަނޑުމަތީގެ ސަލާމަތަށް މުހިންމު އެއްޗެއް

ކަނޑުމައްޗަށް ނުކުމެ އުޅޭއިރު ދިމާވެދާނެ ހާލަތަކަށް ތިބެން ޖެހެނީ ބަލަބަލައެވެ. ސަލާމަތީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ހުންނަންޖެހެނީ ފުރިހަމަކޮށްފައެވެ. "ވަންއަޕް" އަކީ މިފަދަ ދަނޑިވަޅަކަށް އެންމެ އެކަށޭނަ އެހީތެރިޔާއެވެ.

ނުހުޅުވާ ހުންނައިރު، ދިގު ދަޅެއްގެ ބައްޓަމަށް ހުންނަ މި އާލާތަކީ ފެނުގައި ޖެހޭއިރަށް ފުފިގެން އަރާ ބޮއެކެވެ. މި ބޮއެ ފަރުމާކޮށްފައިވަނީ ހިންދާލާފައި އޮންނަ ބޮއެކާއި ކާބަންޑައިއޮކްސައިޑް ކުޑަ ގޭސްދަޅަކާއި ލޮނު ތައްޓަކާއި އިސްފިރޭނެއް ހިމަނައިގެންނެވެ. މިހުރިހައި އެއްޗެއް ލައި ފޮރުވާފައިވާ ދިގު ދަޅު ފެނުގައި ޖެހުމުން ލޮނު ތަށީގައި ހުރި ލޮނުކޮޅު އެއްކޮށް ގިރުވާލައި، އިސްފިރޭނު ހުޅުވެން ޖާގަ ލިބެއެވެ. އިސްފިރޭނު ހުޅުވުމުން ގޭސްދަޅުގައި ހުރި ވައިން ބޮއި ފުއްޕާލައެވެ. އަދި ފުފޭއިރަށް ރައްކާތެރިކަމުގެ ދަޅުން ނުކުމެ، ބޮއި އެއްކޮށް ހުޅުވެއެވެ.

ވަންއަޕްއަކީ ކެޔޮޅުކަމުދާއިރު ވެސް ސޯޓުގައި އަޅުވާލެވޭހާ ފަސޭހައިން ގެންގުޅެވޭ އެއްޗެކެވެ. ކުޑަކުދިން ގޮވައިގެން އަތިރިމައްޗަށް ދިޔަސް، ފަރަށް ދިޔަސް، ރާޅާ އަޅަން ދިޔަސް ވަނައަޕް ބޮއިއެއް ގެންދިޔުމަކީ ސަލާމަތީ ގޮތުން ވަރަށް މުހިއްމު ކަމެކެވެ. ވަންއަޕް އަކީ އަތަށް ލުއި އެއްޗަކަށްވާތީ ގެންގުޅެލާކަށް އުނދަގުލެއް ނޫނެވެ. ކަނޑުމަތީގެ ހާދިސާއެއް ދިމާވެ މީހަކު ކަނޑުވިޔަސް ވަންއަޕްގެ އެހީގައި އެމީހަކު ސަލާމަތްކުރެވޭނެއެވެ. ސަލާމަތަށް އެދި ގޮވާ މީހާއާ ދިމާއަށް އަތުކޮޅަށް ހޫރާލުމުން ފެނުގައި ޖެހި ދެ ސިކުންތު ތެރޭ ވަންއަޕް ފުފިގެން އަރައެވެ. އަދި ނިމުމުން އަލުން ދަޅަށްލައި ރައްކާކުރަންވީއެވެ. މީގެ ދެވަނަ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން ގޭސް ދަޅަކާއި ލޮނު ތައްޓެއް ހޯދައި އަތްމަތިކުރަންވީއެވެ.