މާލޭގެ ކަރަންޓަށް އިއްޔެ ދިމާވި މައްސަލަ ހައްލުވެއްޖެ: ސްޓެލްކޯ
މާލޭގެ ކަރަންޓަށް އިއްޔެ ދިމާވި މައްސަލަ ހައްލުވެއްޖެ: ސްޓެލްކޯ

ސްޓެލްކޯގެ މައި ނެޓްވޯކްގެ ކޭބަލަށް އިއްޔެ ދިމާވި މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އިއްޔެ ހަވީރުން ފެށިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ، ބޮޑުތަކުރުފާނު މަގުން، މައްޗަންގޮޅި އާއި މާފަންނު ހިމެނޭ ސަރަހައްދުގެ މަގުތައް ކޮނުމުގެ ތެރޭގައި 11،000 ވޯލްޓުގެ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފު ވިދާޅުވީ އާ ކޭބަލެއް އަޅައި ރޭ ދަންވަރު އެމައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

"ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމައެއް ނުވާނެ. ރޭ ވަރަށް ދަންވި ފަހުން އެމައްސަލަ ހައްލު ކުރެވިއްޖެ،" ރައޫފް ވިދާޅުވި އެވެ.

މާލޭގެ އެކި ހިސާބުތަކުން އިއްޔެ ކަރަންޓް ކެނޑުމުން، ލިފްޓްތަކުގައި މީހުން ތާށިވުން ފަދަ ހާދިސާތައް ހިނގާފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ.