މައުމޫނަށް ކުރާ ޓެރަރިިޒަމްގެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
މައުމޫނަށް ކުރާ ޓެރަރިިޒަމްގެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އެ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރު ކޮށްފައިވާ މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ. ހައްޔަރު ކުރުމަށް ފަހު މައުމޫން ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފަށަން ހަމަޖައްސާފައިވަނީ އެ ދުވަހުގެ މެންދުރު ފަހު 3:00 ގަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން، އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް މައުމޫންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ވަނީ ފަށައިފަ އެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އިތުރު ބައެއްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ ބޭފުޅުން ވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.