ދެން ކޮންމެ އަހަރަކު ވެސް އަހަރެންގެ ފިލްމެއް ފެންނާނެ: ކަރީނާ ކަޕޫރް
ދެން ކޮންމެ އަހަރަކު ވެސް އަހަރެންގެ ފިލްމެއް ފެންނާނެ: ކަރީނާ ކަޕޫރް

ބޮޑު ސްކްރީނުން ކަރީނާ ކަޕޫރް ނުފެންނަތާ ދުވަސްތަކެއް ފަހުން ޖޫން 1 ގައި "ވީރޭ ދީ ވެޑިން" އާ އެކު އޭނާ ބައްދަލުކުރާނެ އެވެ. އެއާ އެކު ކަރީނާ ބުނަނީ ދެން ކޮންމެ އަހަރަކު ވެސް އޭނާގެ ފިލްމެއް ނުވަތަ ދެ ފިލްމު ފެންނާނެ ކަމަށެވެ.

ދަރިފުޅު ތައިމޫރް ވިހެއުމަށް ފަހު، 37 އަހަރުގެ ބަތަލާ މިހާރު ހުރީ އަނެއްކާ ވެސް ކުރީގެ ފިލްމީ ބައްޓަމުގަ އެވެ. އެހެންވެ ދެން ކުރިއަށް ހުރީ ހަމަ މަސައްކަތެވެ.

ކަރީނާ ބުނި ގޮތުގައި އޭނާގެ މިހާރުގެ އަމާޒަކީ ދަރިފުޅަށް ވަގުތު ހުސްކޮށްފައި އަހަރަކު އެކެއް ނުވަތަ ދެ ފިލްމް ކުޅުމެވެ. އެކަމަކު "ވީރޭ ދީ ވެޑިން" އަށް ފަހު، ކަރީނާ ދެން މަސައްކަތް ކުރާނެ ފިލްމެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ކަރީނާ އާއި ސިދާތު މަލްއުތުރާ ލީޑް ރޯލް ކުޅޭ ފިލްމެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ތައިމޫރަށް އަދި އެންމެ ސޯޅަ މަސް. އެހެންވެ އަހަރެން ބޭނުން އާ ފިލްމެއްގެ މަސައްކަތް ފެށުމުގެ ކުރިން ދަރިފުޅާ އެކު ވަގުތު ހޭދަކޮށްލާނެ ދެތިން މަހެއްހާ ދުވަސް،" ދަރިފުޅު ވިހާފައި ވަރަށް އަވަހަށް ފިޓްވާން މަސައްކަތް ކުރި ބަތަލާ ބުންޏެވެ. "އަހަރެން ބޭނުން ދެން އަހަރަކު މަދުވެގެން އެކެއް ނޫނީ ދެ ފިލްމް ކުޅެން."

ކަރީނާ ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު ނަސީބަކީ އެކްޓަރު ސައިފް އަލީ ހާން ކަހަލަ ފިރިއަކު ލިބުމެވެ.

"އޭނަ ވަރަށް ސަޕޯޓިވް ހުރިހާ ކަމެއްގައި ވެސް. އަހަރެން ހަށިގަނޑަށް ގެންނަން ބޭނުންވި ބަދަލު އެހާ އަވަހަށް ގެނެވުނީ ވެސް ސައިފް އެކަމަށް ދިން ހިތްވަރުގެ ސަބަބުން،" ކަރީނާ ބުންޏެވެ.

ސައިފް ބުނި ގޮތުގައި ތައިމޫރް ޕްރައިމެރީގައި ކިޔަވާ އުމުރަށް އެޅުމުން އިނގިރޭސިވިލާތުގެ ބޯޑިން ސްކޫލަކަށް ދަރިފުޅު ފޮނުވައިލަން ވެސް އޮތީ ނިންމައިފަ އެވެ. އެހެންވެ މިކަމަކީ ދެ މީހުންނަށް ވެސް ކެރިއަރާއިގެން ކުރިއަށް ދާން ލިބޭނެ ފުރުސަތެވެ. ސައިފްގެ ދޮށީ ދެ ދަރިންނަކީ މިހާރު ބޮޑުވެފައި ތިބި ޒުވާނުންނެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2016 ގައި ރިލީޒް ކުރި "އުޅުތާ ޕަންޖާބް" އިންނެވެ. އެކަމަކު އެ ފިލްމްގައި އޭނާ ކުޅުނު ވަރަށް ކުޑަކުޑަ ރޯލެކެވެ.