27 އެޕްރީލް 2018 - 07:23

ފިޔަގަނޑާ އެކު ފުޅާމިނުގައި 11.5 ސެންޓިމީޓަރު ހުންނަ މަދިރިއެއް ޗައިނާގެ ސިޗުއާން ޕްރޮވިންސުން ފެނިފައިވާ ކަމަށް ޗައިނާގެ އިންސެކްޓް މިއުޒިއެމުން ބުނެފި އެވެ.

މިއުޒިއެމް އިން ވާހަކަ ދެއްކި ޒާއޯ ލީ ބުނީ މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ޗައިނާގެ ސަރަހައްދަކުން ފެނުނު މަދިރިއެއް ކަމަށާއި މިއީ މަދިރީގެ ވައްތަރުތަކުގެ ތެރެއިން އެންމެ ބޮޑުވާ ކަމަށް ރެކޯޑް ކުރެވިފައިވާ ސްޕީސީސް އަށް ނިސްބަތްވާ މަދިރިއެއް ކަމަށެވެ.
މީގެ މަދިރިއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ 1876 ވަނަ އަހަރު ޖަޕާނުން ކަމަށާއި މިއީ އާންމު ގޮތެއްގައި، ފިޔަގަނޑާ އެކު 8 ސެންޓިމީޓަރު ހުންނަ ވަރަށް ބޮޑުވާ އެއްޗެއް ކަމަށް މިއުޒިއެމުން ބުންޏެވެ.
"މީގެ މަދިރި އޮންނަނީ ވަރަށް ބިރުވެރި ގޮތަކަށް. އެކަމަކު މިއީ ލޭ ބޮއެގެން އުޅޭ އެއްޗެއް ނޫން. މިއީ އުމުރު ވަރަށް ކުރު، އަދި މަލުން ފޮނި ބޮއެގެން އުޅޭ އެއްޗެއް،" ޒާއޯ ބުންޏެވެ.
އޭނާ ބުނީ އެތައް ހާސް ވައްތަރެއްގެ މަދިރި އުޅޭ ކަމަށާއި އެކަމަކު ލޭ ބޮނީ މީގެ ތެރެއިން ސަތޭކައެއްހާ ވައްތަރުގެ މަދިރި ކަމަށެވެ. އަދި ލޭ ބޯ މަދިރި ނޫނީ އިންސާނުންނަށް ނުރައްކަލަކަށް ނުވާ ކަމަށް ބުންޏެވެ.