27 އެޕްރީލް 2018 - 07:21

ސޯނަމް ކަޕޫރާ ކޮންމެ އިވެންޓަކުން ދިމާވިޔަސް، ނޫސްވެރިން މިހާރު އޭނާ ގާތު ކައިވެނީގެ ވާހަކަ ނޫނީ ނާހަ އެވެ. އެކަމާ ސޯނަމް ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތެވެ.
ބުދަ ދުވަހު، ފިލްމް "ވީރޭ ދީ ވެޑިން" ގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި އިވެންޓްގައި ނޫސްވެރިޔަކު ސޯނަމަށް ކުރިމަތި ކުރުވި ސުވާލަކީ ކައިވެންޏަށް ފަހު ވެސް ފިލްމް ކުޅޭނެތޯ އެވެ. އެއީ
އަންނަ މަހުގެ 7 ގައި ސޯނަމް، ލޯބިވެރިޔާ އާނަންދް އަހޫޖާއާ ކައިވެނި ކުރާނެ ކަމުގެ އަޑުތައް އަރާފައި ވާތީ އެވެ.
ސުވާލަށް ސޯނަމް ޖަވާބު ދިން ނަމަވެސް އޭނާ އިނީ ހިތްހަމަނުޖެހިފަ އެވެ. ބަތަލާއިންނަށް އެ ސުވާލު އަމާޒުވާ ގޮތަށް، އެކްޓަރުންނަށް ސުވާލު އަމާޒު ނުވަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.
"ޝާހިދު ކަޕޫރް ކައިވެނި ކުރީމަ އެއްވެސް މީހަކު އޭނަ ކައިރިން އެހިބާ ކައިވެންޏަށް ފަހު ވެސް ފިލްމް ކުޅޭނަންހޭ. އަހަންނަކަށް ނޭނގޭ އަބަދު ވެސް އެ ސުވާލު ބަތަލާއިންނަށް އަމާޒުވާ ސަބަބެއް،" ޝާހިދާއެކު "މޯސަމް" ކުޅުނު ބަތަލާ ބުންޏެވެ. "ދުވަހަކު ވެސް އެކްޓަރަކު ކައިވެނި ކުރީމަ އޭނަ ކައިރިން ކައިވެންޏަށް ފަހު ވެސް ފިލްމް ކުޅޭނަންތޯ އަހާ ތަނެއް އަހަރެމެން ނުދެކެން."
ސޯނަމްގެ ބައްޕަ އަނިލް ކަޕޫރަކީ ވެސް ދަރިން ބޮޑެތިވެ، ކެރިއަރު ފެށި އިރު ވެސް ހުއްޓުމެއް ނެތި ފިލްމް ކުޅެމުން އަންނަ އެކްޓަރެކެވެ.
ކަރީނާ އަށް އިޝާރާތްކޮށް، ސޯނަމް ބުނީ ކައިވެންޏަށް ފަހު، ބަތަލާއިން މަސައްކަތް ނުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކަރީނާއަކީ އޭގެ މިސާލެއް ކަމަށް ބުންޏެވެ.
"ކައިވެނިކޮށް ދަރިއަކު ލިބުނުތަނާ މާ ގިނަ ދުވަހަށް ނުވެ ކަރީނާ ވަނީ ފިލްމް ސެޓަށް ނުކުމެފައި. އެހެންވީމަކާ މިހާރު ބަތަލާއިންނަށް އެ ސުވާލު ކުރުމަކީ މިހާރު އެހާ ގަބޫލު ކުރެވޭ ކަމެއް ނޫން،" ސޯނަމް ބުންޏެވެ. "ކައިވެނިކޮށް ދަރިން ލިބުނަސް ބަތަލާއިން ކެރިއާ ހުއްޓާލުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން."
ކައިވެނިކޮށް އަދި ދަރިން ވެސް ލިބުނު ފަހުން ފިލްމް ކުޅޭ ބަތަލާއިން ބޮލީވުޑްގައި މިހާރު މަދެއް ނޫނެވެ. މިދިޔަ އަހަރު ކައިވެނި ކުރި އަނުޝްކާ ޝަރްމާ ވެސް އަންނަނީ ހަމަ ފިލްމް ކުޅެމުންނެވެ. މަދޫރީ ޑިކްސިޓާއި ޗޫހީ ޗާވްލާ އާއި އައިޝްވާރިޔާ ރާއީ އަދި ރަވީނާ ޓަންޑަން ފަދަ ބަތަލާއިންނަކީ ދަރިން ލިބުނު ފަހުން ވެސް ފިލްމް ކުޅެމުން އަންނަ ބަތަލާއިންނެވެ.
"ވީރޭ ދީ ވެޑިން" ގެ އިތުރުން ސޯނަމްގެ އިތުރު ދެ ފިލްމެއް ވެސް މި އަހަރު ރިލީޒްވާން އަދި އެބަ އޮތެވެ. އެއީ ޖޫން 29 ގައި ރިލީޒް ކުރާ "ސަންޖޫ" އާއި އޮކްޓޯބަރު 18 ގައި ރިލީޒް ކުރާ "އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" އެވެ. ސޯނަމް އެންމެ ފަހުން ފެނުނީ ފެބްރުއަރީގައި ރިލީޒް ކުރި "ޕެޑްމޭން" އިންނެވެ.