26 އެޕްރީލް 2018 - 10:35

އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން ރާއްޖޭގެ ނިއު ރޭޑިއަންޓް 2-0 އިން މޮޅުވުމަކީ އެތައް ގޮތަކުން ހާއްސަ ކަމެކެވެ. މިއީ އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ވާދަވެރިކަމުގައި ރާއްޖެ އަށް ކުރިއެރުމެކެވެ. ދިވެހި ފުޓްބޯޅައާ މެދު ސަޕޯޓަރުންނަށް ލިބުނު އިތުބާރެކެވެ. އަދި ވަކިވަކި ބައެއް ކުޅުންތެރިންގެ ދެއްކި ކުޅުމަކީ ފާހަގަކުރަން ޖެހޭ ފަދަ ކަމެކެވެ. އަނެއްކޮޅުން ނިއު މިވަނީ އެ ޓީމަކީ އަދިވެސް ދެކުނު އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްކަން ސާބިތުކޮށްދީފަ އެވެ.

ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބީ ހޯދުމަށް ރާއްޖެ އަށް އެޅިފައިވާ ހުރަހަކީ އިންޑިއާ އެވެ. މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އިންޑިއާ އަތުން މޮޅުވި ފަހުން ރާއްޖެ އަށް ތަށްޓާ ހަމަޔަށް ދެވެން އޮތް ކޮންމެ ފަހަރަކު އިންޑިއާ އިން ވަނީ ހުރަސް އަޅައިފަ އެވެ. އެހެންވެ ގިނަ ބަޔެއްގެ ބޮލުގައި އޮންނަނީ އިންޑިއާ އެއީ "ބަލިނުކުރެވޭނެ" ގައުމެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަނީ އެކަން ބަދަލުކުރަން ބޭނުންވާނީ އެންމެ މޮޅެއް ކަމަށެވެ. އިއްޔެ ނިއު މޮޅުވި ބެންގަލޫރުގައި އިންޑިއާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސުނިލް ޗެތުރީ އާއި ގުރްޕްރީތު ސިންގް ދަންދޫ އާއި ސުބާސިޝް ބޯސް އާއި ނިޝޫ ކުމާރާއި އުދަންތަ ސިންހާއި އަދި ޑެނިއަލް ލަލިމްޕުއާ ފާހަގަކޮށްލެވެ އެވެ. އެފަދަ ޓީމެއްގެ އަތުން ރާއްޖޭގެ ވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް މޮޅުވުމަކީ ސާފް ޗެމްޕިއަންޝިޕް ބޯމަތީގައި އޮއްވާ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭނެ ބޮޑު އިތުބާރަކާއި ޔަގީންކަމެކެވެ.

މިދިޔަ ދެ އަހަރު ފާހަގަވީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރާއްޖެ އަށް ބަނަ ދުވަސްތަކެއްގެ ގޮތުގަ އެވެ. އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައިނުވާއިރު ގާތްގާތުގައި ކޯޗުން ބަދަލުކޮށް ފުޓްބޯޅަ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ އެވެ. އެހެން އެކަން އޮއްވާ އާ ކޯޗު ޕީޓާ ސެގާޓާ އެކު ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ބޫޓާން އަތުން 7-0 އިން މޮޅުވެފަ އެވެ. ބޫޓާން އަތުން ފަހަކަށް އައިސް އުނދަގުލުން މޮޅުވަމުން އައިސްފައިވަނިކޮށް އެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވުމަކީ ދިވެހި ފުޓްބޯޅައަށް ޕޮޒިޓިވް ނަތީޖާއެކެވެ. އަދި އިއްޔެ ނިއު އިން ހޯދި ނަތީޖާއަކީ އެ ޕޮޒިޓިވީގެ ތެރެއަށް އިތުރުވި ބޮޅެކެވެ. މީގެ ސަބަބުން ގެއްލިފައިވާ އިތުބާރު ހޯދުމަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ބޮޑެތި މެޗުތަކުގައި ތަފާތު ނުދެއްކޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެ އެވެ. އަދި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހުރީ ދަގަނޑޭ އަށް ވުރެ މާކުރީގައި ކަމަށް އެއް ބަޔަކު ދެކެ އެވެ. އެކަމަކު ދަގަނޑޭ މިވަނީ މި ސަރަހައްދުގައި ވަކި އޭނާ ފަހަތަށް ޖައްސާލެވޭނެ ކުޅުންތެރިޔެއް ނެތް ކަން އިއްޔެ ސާބިތުކޮށްދީފަ އެވެ. މި ދެ ޓީމު ބެންގަލޫރު ކުޅުނު މެޗުން ބެންގަލޫރު 1-0 އިން މޮޅުކޮށްދިނީ ޗެތުރީ އެވެ. އިއްޔެ ނިއު މޮޅުކޮށްދިނުމުގައި ދަގަނޑޭގެ ދައުރު ވަރަށް ބޮޑެވެ. މޮޅަށް ކުޅުމުގެ އިތުރުން އޭނާ ވަނީ ލީޑާޝިޕް ވެސް ދައްކައިދީފަ އެވެ. އެކަން އެންމެ ފާހަގަވީ ނިއުގެ ފުރަތަމަ ގޯލުގަ އެވެ.

އެގޮތުން ބެންގަލޫރުގެ ކުޅުންތެރިޔެއްގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ނިއުގެ އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީގެ އަތަށް ތަދުވުމުން ފަރުވޭން އޮފިޝަލުން އަރަން އުޅުމުން ދަގަނޑޭ ވަނީ، އެކަން މަޑުޖައްސަލައިން އެދިފަ އެވެ. އެއީ އެވަގުތު އޮފިޝަލުން އަރައިފި ނަމަ އަމީރީ ދަނޑުން ފައިބަން ޖެހޭނެތީ އާއި ނިއު އިން އެ ވަގުތު އެޓޭކްތައް އުފައްދަމުން އަންނާތީވެ، ކުޅުން މެދުކެނޑި ޓީމުގެ ޓެމްޕޯ ވެއްޓުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންވެ ވަގުތު ނަގާނުލައި ނިއު އިން ބޭރުވެފައި އޮތް ބޯޅަ އެއްލި އެވެ. އެ ބޯޅަ ދަގަނޑޭ އަށް ލިބުމުން އޭނާ އުމެއިރަށް ޖައްސާލި އެވެ. އަދި ދަގަނޑޭ އެ ބޯޅަ މުޅިން ހުހަށް އެރި އަލީ ފާސިރު (ސެންޓޭ) އަށް ފޯރުކޮށްދިނެވެ. ސެންޓޭ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. އަމީރީ އޭނާގެ އަތަށް ފަރުވާ ހޯދީ އެ ލަނޑަށް ފަހު ކުޅުންތެރިން އުފާފާޅުކުރި ވަގުތުގަ އެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިޔާ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި އެހެން ބައެއް ކުޅުންތެރިންނަށް މަގުދައްކައިދިނުމުގައި އަދި އެޓޭކް އުފެއްދުމުގައި ދަގަނޑޭ އިއްޔެ މުހިއްމު ދައުރެއް އަދާކުރި އެވެ.

އިއްޔެގެ މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ މާކްކޮށްގެން ކުޅުނު ރިލްވާން ވަހީދު (ރިލޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވެސް ބުނީ ޗެތުރީ ނަގައިގެން ކުޅުމަކީ ކިހާ އުނދަގޫކަމެއްކަން އޭނާ އަށް އެނގޭ ކަމަށެވެ. އަދި ރިލޭގެ އުނދަގޫ ބޮޑުވެ ފަހުން ޗެތުރީ މަގާމް ބަދަލުކުރިކަން ވެސް އޭނާ ފާހަގަކުރި އެވެ.
ހަގީގަތުގައި ޗެތުރީ ހުއްޓުވުމުގެ ވަރަށް ބޮޑު ޝުކުރެއް ރިލޭގެ އިތުރުން ނިއުގެ މިޑްފީލްޑަރުންނަށް ހައްގުވެ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އާއި ކަންޑޭލާ އާއި މުހައްމަދު އުމެއިރު އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) ވަނީ ބެންގަލޫރުގެ މިޑްފީލްޑަރުންނަށް ބޯޅަ ލިބި ހަމަ ނޭވާއެއްނުލެވެނީސް އެ ބޯޅަ އަތުލައިގަނެފަ އެވެ. އެކަން ބެންގަލޫރުން ވެސް ފާހަގަކުރި އެވެ. މުޅި މެޗުގައި ވެސް އެ ޓީމަށް އުފެއްދުނީ ރަނގަޅު ފެންވަރުގެ އެންމެ ހަމަލައެކެވެ. އަދި ބެންގަލޫރުގެ އެޓޭކްތައް ރޫޅާލުމާ އެކު އެ ބޯޅަތައް ނިއުގެ ފޯވާޑުންނަށް ފޯރުކޮށްދިނުމުގައި ވެސް ހަމްޕު އާއި ބޮބީ ދެއްކީ މޮޅު ކުޅުމެކެވެ. މުޅި މެޗުގައި ކަހަލަ ގޮތަކަށް ޗެތުރީ ވަނީ އޭނާ އަށް ބޯޅަ ނުލިބޭތީ އެކަމާ ޝަކުވާކޮށްފަ އެވެ. މީގެ އިތުރުން ނިއުގެ ފަހަތުން އަފްގާނިސްތާނުގެ ހާރޫން އަމީރީ ދެއްކީ މޮޅު ކުޅުމެއްގެ އިތުރުން ވަރުގަދަ ލީޑާޝިޕެކެވެ. އެންމެ ހިނދުކޮޅަކަށް ވެސް މަޑުކޮށްލައި ހުރިހާ ބޯޅަތަކެއް އޭނާ ދިޔައީ ސާފުކުރަމުންނެވެ. އަދި ސަޕޯޓަރުން ފޯރިއެރުވުމުގައި ވެސް އޭނާގެ މަސައްކަތް ފާހަގަކުރެވެ އެވެ. ޖުމްލަކޮށް ނިއުގެ ހުރިހާ ކުޅުންތެރިން ވެސް އިއްޔެ ވަނީ އެ ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިފަ އެވެ. އެޓޭކަށް އެރުމަށް ފަހު ބޯޅަ ގެއްލުން، ވަގުތުން ކުރީގެ މަގާމަށް އައިސް ޓީމުގެ އޯގަނައިޒްކޮށްލަ އެވެ.
ރާއްޖޭގެ ނިސްބަތުން ނިއު ހިމެނެނީ އެންމެ ގިނައިން ލަނޑު ޖަހާ އަދި އެންމެ ވަރުގަދަ އެޓޭކިން ފޯހެއް އޮތް ޓީމަށެވެ. އެކަމަކު ލިބޭ ފުރުސަތުތަކާ ބަލާއިރު އެ ޓީމަށް ލަނޑު ޖެހޭ އަދަދު މަދެވެ. އެކަން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އާއި އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ވެސް ފާހަގަކޮށްފައިވެ އެވެ. ހާއްސަކޮށް އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވި މެޗާއި އިއްޔެގެ މެޗުގައި އެކަން ފާހަގަވި އެވެ. މި ދެ މެޗުގައި ވެސް އިތުރު ލަނޑުތަކެއް ނުޖެހުނަސް ނިއު އަށް ގެއްލުމެއް ނެތެވެ. އެކަމަކު ލިބޭ ފުރުސަތުތައް ބޭކާރުވާ ނަމަ، އޭގެ ނުރަނގަޅު އަސަރު އެހެން މެޗުތަކުގައި ފެންނާނެ އެވެ. ފަހަރުގައި ލީގުގައި އީގަލްސްއާ 2-2 އިން އެއްވަރުވި މެޗާއި ވިކްޓަރީ އަތުން 2-0 އިން ބަލިވި މެޗުގައި ފެނުނީ އެކަން ކަމަށް ވެދާނެ އެވެ. އެހެންކަމުން މިއީ ޕޮޒިޓިވް ނަތީޖާއަކާ އެކު ވެސް ނިއު އިން ވިސްނަން ޖެހޭ ކަމެކެވެ.